ގެއްލުނު ދޯނި ހޯދައިފި، އޮތީ އިންޖީނު ހުއްޓިފައި

ފަސް މީހުންނާ އެކު ހުވަދޫ ކަނޑާ ހިސާބުން ދަތުރުކުރަނިކޮށް ގެއްލުނު ދޯނި، "ކަށި ވާލި" (ބްރިލިއަންޓް ކެރިއާ) ރޭ ފަތިހު ހޯދައިފި އެވެ.
ގދ. ގައްދޫން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯނި، ބްރިލިއަންޓް ކެރިއާ ގެއްލިފައި ވަނީ ރޭ 8 ޖަހާކަންހާއިރެވެ. އޭރު ދޯނީގައި ފަސް މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ބްރިލިއަންޓް ކެރިއާގެ ހަބަރެއް ނުވެގެން، އެ ދޯނި ހޯދަން ކުރި މަސައްކަތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ދޯނި ހޯދާފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް މުދާ އުފުލާ ދޯނީގެ ހަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓު ކުރުމުން، ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ ރޭ ފަތިހު 4 ޖަހާކަންހާއިރު، ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ދޯނި ފެނުނުއިރު، ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމުގައި ފާހަގަކުރި އެވެ.

ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯނި، ބްރިލިއަންޓް ކެރިއާ: ފެނުނުއިރު އޮތީ އިންޖީނު ހުއްޓިފައި / ފޮޓޯ:ޕޮލިސް
އެމްއެންޑީއެފުން ބުނި ގޮތުގައި ބްރިލިއަންޓް ކެރިއާގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.
