ދަރިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވަނީ ހުށަހަޅާ މައުލޫމާތު ފުރިހަމަ ނުވާތީ: ހައިދަރު

ސްޓޫޑަންޓް ލޯނު އަދި ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ އާއި ދައްކަން ޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވަނީ ދަރިވަރުން ހުށަހަޅާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ސްޓޫޑަންޓް ލޯނު އަދި ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަން ޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވާކަމުގެ ކަންބޮޑުވުމާއި ޝަކުވާ، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށާއި ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަން ޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވަނީ ކީއްވެ ކަމާއި އެގޮތަށް ލަސްވުމަށް މެދުވެރިވާ ސަބަބު ނައްތާލުމަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވި ޖަވާބުގަ އެވެ.
ލިޔުމުން ޖަވާބު ހޯދުމަށް އެދި މިނިސްޓަރާ އެ ސުވާލު ކުރައްވާފައި ވަނީ ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގެވެ.
އަޒާންގެ ސުވާލުގެ ޖަވާބުގައި ހައިދަރު ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރާ ސްކޮލާޝިޕް ފުރުސަތުތަކުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފުރުމުގެ ކުރިން ފައިސާގެ ކަންކަން ހަމަޖެއްސުމުގެ ވަގުތު އޮއްވައި، ދަރިވަރު ފުރާ ދުވަސް މިނިސްޓްރީއަށް އެންގުމަށްފަހު ފުރާ ނަމަ، އެ ދަރިވަރަކަށް ދެ މަސް ދުވަހުގެ ސްޓައިޕެންޑާއި ކަނޑައެޅިފައިވާ އެހެނިހެން ބައެއް ކަންކަމަށް ދޭ ފައިސާ ޑޮލަރުން އެ ދަރިވަރަކާ ހަވާލުކުރާ ކަމަށެވެ.
"ދެން ދަރިވަރަށް އިރުޝާދު ދެނީ އެ ދާ ގައުމަށް ގޮސް، އެ ގައުމެއްގެ ލޯކަލް ބޭންކެއްގައި އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ފައިސާ ފޮނުވުމަށް ކޮންމެހެން ބޭނުންވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން އަންގާފައިވާ މައުލޫމާތުތައް ލަސްނުވެ ފޮނުވުމަށެވެ. ދަރިވަރުން ފޯރުކޮށްދޭ މައުލޫމާތުގެ އަލީގައި ސްޓައިޕެންޑް ޖަމާކުރެވެނީ އެ ދަރިވަރަކު ތައުލީމް ހާސިލުކުރަމުންދާ ގައުމެއްގައި ހުޅުވާފައިވާ އެ ދަރިވަރުގެ ބޭންކް އެކައުންޓަށެވެ." ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ސްޓައިޕެންޑް ޖަމާކުރުމަށް ހަމަޖެހިފައި ވަނީ އަހަރަކު ދެ ފަހަރު ކަމުގަ އެވެ. އެއީ އެ ދަރިވަރު ކިޔަވަމުންދާކަން ދަރިވަރު ކިޔަވާ ޔުނިވާސިޓީން އެ މިނިސްޓްރީއަށް އެންގުމުން ކަމުގަ އެވެ.
ދަރިވަރުންގެ ކޯސް ފީ ޖަމާކުރަނީ އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވާސިޓީއަކުން ކޯސް ފީގެ އިންވޮއިސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ލިބުމުން އެ ޔުނިވާސިޓީއަށް ކަމުގަ އެވެ. އެއީ ރާއްޖޭން ބޭރުގެ އެކައުންޓުތަަކަށް ފޮރިން ޕޭމަންޓްސްގެ ގޮތުގައި ޖަމާކުރާ ޕޭމަންޓްސް ކަމުގައި ފާހަގަކުރެއްވި އެވެ.
"ޓިއުޝަން ފީ ދެއްކުމަށާއި ސްޓައިޕެންޑް ޖަމާކުރުމަށް ޓަކައި މިނިސްޓްރީ އާއި ދަރިވަރުން ހިއްސާކުރާ ބޭރުގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދަތިތަކާ ކުރިމަތިވެ އެވެ. އަދި މައުލޫމާތު ފުރިހަމަ ކުރުމަށް އެދި އަލުން ޔުނިވާސިޓީއަށާއި ދަރިވަރަށް އެންގެ އެވެ. އަދި މި މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އަލުން މިނިސްޓްރީއަށް ހުށަހެޅުމުގައި ވެސް ވަގުތު ހޭދަވެ އެވެ." ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ފައިސާ ޖަމާކުރުމުގައި ލަސްތައް ދިމާވާ މައިގަނޑު ސަބަބު ކަމުގަ އެވެ. އެކައުންޓް މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ފައިސާ ޖަމާކުރުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ހިމެނޭ ގޮތަށް މައުލޫމާތު ކަރުދާހެއް ތައްޔާރުކޮށް ދަރިވަރުންނާ ހިއްސާކުރެވެމުންދާ ކަމުގަ އެވެ. އެކަން ކުރަނީ ބޭންކުގެ މައުލޫމާތު ފުރިހަމަ ނުވުމުން ފައިސާ ޖަމާކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކަމުގައި ފާހަގަކުރެއްވި އެވެ.
ސްކޮލާޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންގެ ޓިއުޝަން ފީ ޖަމާކުރަމުން ދަނީ އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވާސިޓީއަކުން ޓިއުޝަން ފީ އިންވޮއިސް މިނިސްޓްރީއަށް ލިބުމުން ކަމަށް ހައިދަރު ވިދާޅުވި އެވެ. އިންވޮއިސް ލިބުން ލަސްވާ ނަމަ ފައިސާ ވަގުތަށް ލިބުން ލަސްވާ ހާލަތް ކަމުގަ އެވެ. އެކަން ހައްލު ކުރުމަށް ދަރިވަރުންގެ ޓިއުޝަން ފީ ޖަމާކުރާނެ ގޮތުގެ ޝެޑިއުލް ތައްޔާރުކޮށް، ޝެޑިއުލްކޮށްފައިވާ ތާރީހަށް ފައިސާ ޖަމާކުރުމަށް ބޭނުންވާ އިންވޮއިސް މިނިސްޓްރީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.
ހައިދަރު ވިދާޅުވީ ލޯނުގެ ފައިސާ ޖަމާކުރަނީ ދަރިވަރު ކަނޑައަޅައި ލޯނު އެގްރިމެންޓުގައި ހިމަނާފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ކަމަށެވެ. ފުރަތަމަ ޕޭމަންޓަށް ފަހު ދެން ކޮންމެ ޕޭމަންޓެއް ވެސް ޖަމާކޮށްދެނީ އެގްރިމެންޓުގައި ކަނޑައެޅިފައިވާ ގޮތަށް ހަ މަސް ދުވަސް ފަހުން ކަމަށެވެ. ކޮންމެ ޕޭމަންޓެއް ވެސް ޖަމާކޮށްދެނީ ދަރިވަރު ކިޔަވާ ޔުނިވާސިޓީން އެ ދަރިވަރަކު ކިޔަވަމުންދާކަން މިނިސްޓްރީއަށް އެންގުމުން އެގްރިމެންޓުގައި ކަނޑައެޅިފައިވާ ތާރީހުތަކެއްގައި ކަމަށެވެ.
އެކަން އެގޮތަށް ކުރަނީ ކިޔަވަމުން ނުދާ ދަރިވަރެއްގެ ނަމުގައި ފައިސާ ހަރަދު ކުރެވެމުން ދިޔުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
"މި ލިޔުން ފޮނުވަންވީ ގޮތުގެ އިރުޝާދު ދަރިވަރުންނަށް ދީފައި އޮންނަ ނަމަވެސް، ބައެއް ދަރިވަރުން އެގޮތަށް އެކަން ކުރުމުގެ ބަދަލުގައި ޕްރޮގްރާމް ފެށުމަށް ދޫކޮށްފައި އޮންނަ ޕްލޭސްމަންޓް ލެޓާ ފަދަ ދަރިވަރު ކިޔަވަމުންދާކަން ކަށަވަރު ކުރެވެން ލިޔުން ހުށަހަޅަ އެވެ. އެހެންކަމުން ފައިސާ ދޫކުރުން ލަސްވެ އެވެ." ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.