ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާ: މައުލޫމާތު ހާމަކުރަން ކޮމިޝަނުން ޕޯޓަލެއް ހާއްސަކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މަތީގައި ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުގެ މަސައްކަތްތައް ހިއްސާ ކުރުމަށް ހާއްސަ ޕޯޓަލެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެ ކޮމިޝަނުގެ ފަރާތުން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށާއި މައްސަލަ އާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތް ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ކޮމިޝަނުގެ މަސައްކަތް ދެފުށްފެންނަ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ދެންމެއަކު ވާހަކަ ދެއްކީ، ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ވާހަކަ މި ދެކެވުނީ ރައްޔިތުންނަށް މައުލޫމާތު ދެވޭނޭ ޕޯޓަލްއެއް ހުޅުވުމަށް،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި އެ ޕޯޓަލް މެދުވެރިކޮށް، ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން އާންމުންނަށް މައުލޫމާތު ދެމުން ގެންދާނެ ކަމުގަ އެވެ. އެގޮތުން ސުވާލު ކުރެވޭނެ ގޮތާއި ސުވާލުތަކަށް ޖަވާބު ދެވޭނެ ގޮތް ވެސް ފަހިކުރެވިގެންދާނެކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ގެންދާނީ. މި ޒަމާނަކީ ޓެކްނޮލޮޖީގައި އެކަން އެ ލެވެލްއަށް ކުރެވެން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.

އެކަން އެހެން ކުރި ނަމަވެސް މައްސަލައަކީ ޖިނާއީ ކުށެއް ކުރި ކަމުގެ ތުުހުމަތު ކުރެވޭ މައްސަލައަކަށް ވުމާ އެކު، ފާހަގަކުރެވޭ ބައެއް ކަންކަން ހާމަކުރެވޭނީ ތަހުގީގުގައި އެކުގައި ފުރިހަމަވުމުން ކަމުގަ އެވެ.

"އެހެން ނޫން ކަމަށް ވެއްޖިއްޔާ މަސައްކަތް ހިނގަމުންދާ ގޮތް، ކުރެވޭ މަސައްކަތްތައް މި ހުރިހާ އެއްޗެއް ހާމަކުރަމުން ދާނަން މި ދެންނެވިހެން މިހާރުގެ ޓެކްނޮލޮޖީގެ އަލީގައި އެންމެ ފުރިހަމައަށް،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ދާނީ ނުފޫޒެއް ނެތި ކަމަށާ އޭނާގެ މައްޗަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފި ނަަމަ އެކަމެއް ހާމަކޮށް ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ބޭނުން ވަނީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި، މައްސަލައިގައި އިންސާފާ ހަމައަށް ދާން ކަމުގައި ފާހަގަކުރެއްވި އެވެ.