ހުޅުމާލެ އާބާދުވިތާ 21 އަހަރު ފާހަގަކުރަން ފޮޓޯ މުބާރާތެއް

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު (އެއް މިނެޓަށްވުރެ ދިގު ނޫން) ވީޑިއޯކޮޅެއް ހުށަހަޅައިގެން އެ މުބަރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
އަދި އެގޮތަށް ފޮޓޯ ނުވަތަ ވީޑިއޯ އެފަރާތެއްގެ (ޕަބްލިކް) ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، @hdcmaldives އަދި @myhulhumalemv ޓެގް ކުރުމުގެ އިތުރުން #LifeinHML ހޭޝްޓެގް ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ 08 މެއި 2025 އެވެ.
އެޗްޑީސީން ބުނީ ފޮޓޯ މުބާރާާތުން އެއްވަނައަށް ދާ ފަރާތަކަށް 5،000ރ. ދެވަނައަށްދާ ފަރާތަކަށް 3،000ރ. އަދި ތިންވަނައަށް 2،000ރ. ގެ ފައިސާގެ އިނާމު ދޭނެ ކަމަށެވެ.
އަދި ވީޑިއޯ މުބާރާތުން އެއްވަނައަށްދާ ވީޑިއޯ އަކަށް 8،000ރ. ދެވަނައަށް 5،000ރ. އަދި ތިންވަނައަށް 3،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެގޮތުން، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ އެވެ.
