ޚަބަރު

ޒުވާނުންގެ މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ބަލާފައި: ފުލުހުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޝިމަން ހައްޔަރުކޮށްގެން ގެންދަނީ / ފޮޓޯ:އެކްސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުނެފި އެވެ.

Ads by MPL

ޔުމްނުއަށް އިންސާފު ނުލިބޭ ކަމަށް ބުނެ، "ދުލެއް ނުކުރާނަން" ގެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާތައް ބާއްވަމުން އަންނަނީ މަޖީދީ މަގު، ހެންވޭރު ޕޮލިސް ހުންނަ ސަރަހައްދުގަ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ކޮންމެ ރެއެއްގެ ވެސް 8 އިން 12 އަށް މުޒާހަރާތައް ކުރިއަށް ގެންދެ އެވެ. ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ 12 ޖަހަން އުޅެނިކޮށް ބާރުގެ ބޭނުންކޮށް ވަނީ ރޫޅާލާފަ އެވެ.

މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ފުލުހުންނާއި ޒުވާނުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ. ފުލުހުން ވަނީ ޒުވާނުން ބޭނުން ކުރަމުން ދިޔަ އަޑުގަދަކުރާ ފަދަ ތަކެތި އަތުލައިގަނެ، މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު ހައްޔަރު ވެސް ކޮށްފަ އެވެ.

މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގޭ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ. ފުލުހުން ބުނީ މަހްޒޫމް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

ޒުވާނުންގެ މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުންގެ ފަރާތުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

"އެކްސް" ގައި ނެރުނު އެ ބަޔާނުގައި ފުލުހުން ބުނީ ފާއިތުވި ދުވަސްތަކުގައި މަޖީދީ މަގުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާ ގޮތަށް ކުރަމުންދާ މުޒާހަރާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުންދާ ކަމަށެވެ.

"މި އިހުތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ އެވެ." ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށްފަހު، ރޭގެ ހަރަކާތްތައް ހުއްޓުވައި މުޒާހަރާ ރޫޅާލީ، މިއަދަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ ކަމުގަ އެވެ.

"މި ފިޔަވަޅު އަޅާފައި ވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ." ބަޔާނުގައިވެ އެވެ.

މުޒާހަރާ ރޫޅާލުމުން ބައެއް ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށްފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

Ads by Ooredoo