އެމްޑީއާރްއޯ ފެނުނީ އަލަށް ވިހޭ ފަސް ކުއްޖެއްގެ ގައިން، ހާލު ދެރަވި ކުދިން ބޭރަށް ފޮނުވަނީ

ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި ޑްރަގް ރެސިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނުނީ އަލަށް ވިހޭ ފަސް ކުއްޖެއްގެ ގައިން ކަމަށާއި އެ ކުދިންގެ ތެރެއިން ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.
އަލަށް އުފަންވާ ކުދިންނަށް އަވަސް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫން މި ޖަރާސީމު ފެނިފައިވާ ކަން އައިޖީއެމްއެޗުން ހާމަކޮށްފައި ވަނީ އިއްޔެ އެވެ. އެ ހޮސްޕިޓަލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހާލު ދެރަ ބަލިމީހުންނަށް ފަރުވާދެމުންދާ ތަންތަނުގައި ބައެއް ފަހަރު މިފަދަ ޖަރާސީމުތައް އުފަންވާ ކަމަށެވެ. މިފަދަ ޖަރާސީމުތަކަކީ ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމަކަށް ވާތީ ނުރައްކާތެރި އިންފެކްޝަނަށް މަގުފަހިވާ ކަމަށެވެ.
ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަކޮށް، އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި ބުނީ އެމްޑީއާރް "ބަކޯލްޑޭރިއާ ސެޕޭޝިއާ" ފެނިފައި ވަނީ 28 ހަފުތާއަށް ވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓްކުރެވި ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެ އާއެކު ވަގުތުން ކުއްޖާ އައިސޮލޭޓްކުރެވި، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، އެންވައިރަމަންޓަލް ސާމްޕަލް ނަގައި، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ (އައިޕީސީ) ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އެ ކޭސް ކުރިމަތިވުމަށްފަހު، އިތުރަށް ނެގި ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައި ތިބި އިތުރު ހަތަރު ތުއްތު ކުއްޖެއްގެ ހަށިގަނޑުން އެ އިންފެކްޝަން ފެނިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ ކުދިންގެ ތެރޭގައި ހިމެނެނީ ދުވަސް ނުފުރާ ވިހެއި ތިން ކުދިންނާއި ދުވަސް ފުރާ ވިހެއި ކުއްޖެކެވެ. އެ ހުރިހާ ކުދިންނަކީ ވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ކުދިން ކަމުގައި ފާހަގަކުރި އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން އެ ކުދިން އައިސޮލޭޓްކޮށް، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާ އެކު ގާތުން ބަލަމުންދާ ކަމުގަ އެވެ. ކުދިންނަށް އެންޓިބަޔޮޓިކަލް ފަރުވާ ދެވުނީ އެންޓިމައިކްރޯބިއަލް ސަސެޕްޓިބިލިޓީ ނަތީޖާތަކާއި ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައިގެން ކަމުގަ އެވެ.
"މި ކުދީންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދީން، ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ވެސް ކުރިއަށްދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.
އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ޓެސްޓުތައް ހަދާފައިވާ ކަަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި އަވަސްކަމާ އެކު ވިލަރެސްކުރެވިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން އިތުރު ކޭހެއް ރިޕޯޓުު ކުރެވިފައި ނުވާ ކަން ފާހަގަކުރި އެވެ.
އައިޖީއެމްއެޗުން ބުނީ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުމްލަ 84 ނިއޯނޭޓަލް ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދެވުނު ކަމަށެވެ. މިވަގުތު ވެސް 10 ކުއްޖަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޖަރާސީމަށް ޕޮޒިޓިވްވި ފަސް ކުދިން ހިމެނޭ ކަމަށާއި އެ ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އައިސޮލޭޓް ކުރެވިގެން ކަމަށެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ފަރުވާ ދެވޭ ބަލިމީހުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގައި ފާހަގަކޮށްފަ އެވެ.
