ޔާމީން އަޅުގަނޑާ ގުޅޭ ގޮތުން ދޮގު ވާހަކަ ދައްކާތީވެ ވަރަށް ދެރަވޭ: ރައީސްަަަ

އެމަނިކުފާނުއާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޮގު ވާހަކަ ދައްކަވާތީވެ އެކަމާ މެދު ދެރަވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ޝަރީއަތަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވާކަމަށް ބުނެ މިއަދު ބޭއްވި ޕްރެސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި، އެއީ އެމަނިކުފާނުގެ ޝަމީރު ގަބޫލުނުކުރައްވާ ކަމެއް ކަމަށެވެ.
އަޅުގަނޑެއް ނުފޫޒެއް ނުފޯރުވާން ރައީސް ޔާމީންގެ ކޭސްއަކަށް، އެހެން އެއްވެސް މީހެއްގެ ކޭސްއަކަށް
ޔާމީނަކީ އެމަނިކުފާނު ވަރަށް ބޮޑަށް އިހުތިރާމްކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބު ލިބުނު ކާމިޔާބީއާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާތުގައި އެންމެ ފުރަތަމަ ކަމަކަށް އެދިވަޑައިގެންނެވީ ޔާމީން މިނިވަންކޮށްދެއްވަން ކަމަށެވެ. އެއިންވެސް ދޭހަކޮށްދެނީ ޔާމީނަށްޓަކައި އެމަނިކުފާނުގެ އޮތް އިހުތިރާމްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އެކަމަކު ޔާމީންގެ ޕާޓީ ޕީއެންއެފުން ބާއްވާ ޖަލްސާތަކުގައި ދޮގު ވާހަކަތައް ދައްކަވަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ޖުޑިޝަރީގައި ނުހުންނާނެ އެއްވެސް ފަނޑިޔާރެއް ގާޒީއެއް ވިދާޅުވާން ކެެރޭނެ އަޅުގަނޑު ނުފޫޒު ފޯރުވި ކަމަށް، އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑާ ބެހޭ ގޮތުން ދޮގު ވާހަކަ ދައްކަތީވެ އެމަނިކުފާނު ވެސް [ޔާމީން] އެމަނިކުފާނު ކައިރީ ތިއްބަވާ ބޭފުޅުންވެސް" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޔާމީންގެ ޝަރީއަތުގެ އަަޑުއެހުންތައް މެދުކެނޑުމަކަށް ފަހު މިދިޔަ މަހު ފަށާފައިވާއިރު އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންގޮސް ބައި ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ދާދި ފަހުން ނިންމާފަ އެވެ.
މައްސަލާގައި ހިމެނޭ ވަކި ބަޔަކަށް ތަފާތުކުރުން ގެންގުޅުމާ ގުޅޭ ގޮތުން ސުވާލުކުުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް މައްސަލައެއް ޕީޖީ އަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންވަނީ ޕީޖީ އޮފީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށްވުން ކަމަށާއި، ފުއްގިރި މައްސަލައިގެ ޝަރިއަތުގެ ވާހަކަވެސް ފެނިވަޑައިގެންނެވީ ހަބަރުތަކުން ކަމަށެވެ.