ޚަބަރު

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަން ނުފޫޒަކަށް ނުގުޑާނެ، ކުރު މުއްދަތެއްގައި ހަގީގަތް ހާމަވާނެ: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ފެނުނު މައްސަލާގައި އެކުލަވައިލި ރިޔާސީ ކޮމިޝަނަށް އެއްވެސް ނުފޫޒެއް ނުފޯރުވެނޭ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި މައްސަލައިގެ ހަގީގަތް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެ މައްސަލަ ބަލަން އެކުލަވާލާފައިވަނީ 5 މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޝަނެކެވެ. އެ ކޮމިޝަން ގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ޑރ. މޫސާ މުރާދު އަދި ޖަބީން މުހައްމަދުގެ އިތުރުން އާމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރު އެވެ.

އެ ކޮމިޝަނުން މެދުވެރިކޮށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ވަނީ ބުނެފަ އެވެ.

މިއަދު ހެނދުނުން ފެށިގެން ރައީސް އޮފީހުގައި ރައީސް އޮފީހުގައި ބާއްވާ ޕްރެސްގައި އެ ކޮމިޝަނާ ގުޅޭ ގޮތުން ނޫސްވެރިއަކާ ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެ މައްސަލަ ބަލަން އުފެއްދީ ވަރަށް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ ކޮމިޝަނެއް ކަމަށެވެ. އެ ކޮމިޝަނަށް ނުފޫޒު ފޯރުވާނެ އެއްވެސް މީހަކު ނުހުންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މި މައްސަލާގައި ފުރިހަމަ ހަގީގަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބިގެންދާން... މިނިވަންކަމާއެކު ކޮމިޝަނުންކޮށް ނިންމާނެ

ރައީސް ވިދާޅުވީ ކޮމިޝަން އެކުލަވާލުމުގައި އިސްކަންދިނީ އާއްމުން ބަލައިގަންނަން އަދި ނަޒާހަތްތެރި ނުފޫޒަށް ނުގުޑާނެ ބަޔަކު އައްޔަންކުރުން ކަމަށެވެ. ސަރުކާރުގެ ތެރެއިން ނުވަތަ ސިޔާސީ އެއްވެސް މީހެއްގެ ނުފޫޒު އެ މެންބަރުންނަށް ނުހިނގާނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޔުމްނު ވެއްޓި އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މިހާރު ދަނީ މެލޭޝިޔާ ގައި ފަރުވާދެމުންނެވެ. ދާދި ފަހުން ކާމިޔާބުކަމާ އެކު ކަރު ބިނދިފައި އޮތުމުން ޔުމްނުގެ ބޮޑު ސާޖަރީ އެއް ވަނީ ނިންމާލާފަ އެވެ.  ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް (21އ) ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ ވަރަށް ބޮޑަށް ހޫނުވު ޒުވާނުންތަކެއް ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ޔުމްނު ވެއްޓުނު މައްސަލަ ހޫނުވި ގޮތް:

މައްސަަލަ ހޫނުވީ ޔުމްނު ވެއްޓުނު ރޭ އޭގެ ކުރިން އޭނާ، މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި ހުންނަ އެޕާޓްމަންޓަކަށް ދިޔައިރު އެ ގޭގެ ނަމާއި ޕާޓީގައި ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރުމުންނެވެ. އަދި އެއިން މީހަކާ މެދު ފިޔަވަޅު ނޭޅުމުންނެވެ. މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބެލެވުނު ނަމަވެސް އެ ތަކެއްޗަށް ޓެސްޓްކުރަން ދެކޮޅު ހެދުމުން ވެސް ފިޔަވަޅެއް ނާޅަ އެވެ.

ފަހުން ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން އާންމުކުރި އިރު އޭގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުން އަދި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ހިމެނެ އެވެ.

ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނަނީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް ޕާޓީ އޮތް ވަގުތު އަމީން ރާއްޖޭގައި ނޫޅުއްވާ ކަމަށާއި ޕާޓީ އޮތް އެޕާޓްމަންޓަކީ ސީދާ އަމީނާ ގުޅުން ހުރި ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ފުލުހަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވަ އެވެ.

Ads by Allied Insurance