ޚަބަރު

އާރަށަށް ރައީސް 116 ފަހަރު ވަޑައިގަތް، ތެލަށް ހަރަދުކުރީ 844،653 ރުފިޔާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ އާރަށަށް ވަޑައިގަތީ 116 ފަހަރު ކަމަށާއި ތެލަށް ހަރަދުވީ 844،653 ރުފިޔާ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މި މައުލޫމާތު ޑިފެންސް މިނިސްޓްރީން ކުރިން އާންމުކުރުމަށް ދެކޮޅު ހަދައި، މައުލޫމާތު އެދުނު ފަރާތުގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށް ބުނެ ޖަވާބު ފޮނުވި އެވެ.

ނަމަވެސް މިއަދު ހެނދުނު 10 ޖެހީއްސުރެން ފެށިގެން އަދިވެސް ދިގުދެމިގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އޭގެ މައުލޫމާތުތައް ހާމަކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އާރަށަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން 85 ފަހަރަކީ ފުޓުބޯޅަ ކުޅެއްވުމަށް އެމަނިކުފާނު ކުރެއްވި ދަތުރުތަކެއް ކަމަށެވެ. 31 ފަހަރު ވަޑައިގަތީ އާއިލާއާ އެކު ކަމަށެވެ.

"އޭގެތެރެއިން 85 ފަހަރު ދިޔައީ ފުޓްބޯޅަ ކުޅެލަން. އެއިިން ކޮންމެ ފަހަރަކު ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަކޮށްފައި ވާނީ. އެ ގަޑީގައި އަޅުގަނޑާއެކު ކުޅެލަންދާ ބޭފުޅުން،" ރައީސް ތަފްސީލްކޮށްދެއްވި އެވެ.

ރައީސް ވިދާޅުވީ އާރަށުގެ ކެއުމަށް ވަކި ބަޖެޓެއް ހަމަޖައްސާފައި ނޯންނަ ކަމަށާއި އެއީ މުލިީއާގެއިން ހަމަޖައްސާ ކެއުންތައް އާރަށަށް ގެންދަނީ ކަމަށެވެ.

"މުލިއާގޭ ކެއުމުގެ ހަރަދަށް މިދިޔަ އަހަރު 565،703.93 ރުފިޔާ، އާރަށުގެ ކެއެން ވެސް ހަމަޖައްސަނީ މުލިއާގެއަށް ހަމަޖައްސައިދޭ ކެއުމުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.

އާރަށަށް ކުރެއްވި ދަތުރުތަކުގެ ލޯންޗުގެ ތެލަށް ހަރަދުވީ ވަރު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ލޯންޗު ދަންޏާ ދާނެ އިތުރު ދެ ސެކިއުރިޓީ ލޯންޗު. ތިން ލޯންޗުގެ ތެޔޮ ހަރަދަށް ހަރަދުވީ 844،635 ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

 

Ads by Ooredoo