ޚަބަރު

ރައީސް ދެއްކެވީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ: ޝަކީލް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް / ފޮޓޯ:ދެން އިމޭޖްސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ފަށާފައި ވަނީ ހެނދުނު 10 ޖެހިއިރެވެ. ގާތްގަނޑަކަށް 15 ގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުން ނިމިފައި ވަނީ ރޭ މެންދަމު އެކެއް ޖަހަން ގާތްވެފައިވަނިކޮށެވެ.

ބައްދަލުވުމުގެ ފުރަތަމަ ދެ ގަޑިއިރެއްހާއިރު ރައީސް ވަނީ ސަރުކާރުން އެކި ދާއިރާތަކުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

ނޫސްވެރިންނާ ބައްދަލުނުކުރައްވާ ހޭދަކުރެއްވި 500 އަށް ވުރެ ގިނަ ދުވަހަށް ފަހު ބޭއްވެވި ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ފައްޓަވާފައި ވަނީ މެންދުރު 12:20 ހާއިރެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ސޯޝަލް މީޑިއާގައި ދައުރުވާ އެކި ކަންކަމާ އަދި ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅުންހުރި ސުވާލުތައް ނޫސްވެރިން ވަނީ ރައީސަށް ކޮށްފަ އެވެ.

ރައީސް އޮފީހުގެ ފަރާތުން އާންމުކޮށް ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ދެގަޑިއިރެއްހާ އިރަށެވެ. އެ ބައްދަލުވުންތަކުގައި ނޫސްވެރިއަކަށް ކުރެވެނީ ދެތިން ސުވާލެކެވެ. އެހެންނަމަވެސް ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިން ބޭނުންވި ހުރިހާ ސުވާލެއް ކުރުމުގެ ފުރުސަތު ދެއްވާފަ އެވެ.

ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ދިގުލައި ދިޔުމުން ބައެއް ނޫސްވެރިން ވަނީ ބައްދަލުވުން ދޫކޮށް ނުކުމެފަ އެވެ. ބައްދަލުވުން މެދުކަނޑާލީ ނަމާދު ވަގުތުތަކަށް އެކަންޏެވެ. އެފަހުން ރޭގަނޑު 15 މިނެޓުގެ ވަގުތުކޮޅަކަށް ބައްދަލުވުން މެދުކަނޑާލި އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރައީސް މުއިއްޒު އާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެމަނިކުފާނުގެ ކެތްތެރިކަމާއި އިހުލާސްތެރިކަަމުގެ ރީތި އަހުލާގު ފެނިވަޑައިގެންފައިވާ ކަމަށެވެ.

"ނަމަވެސް މިއަދު 15 ގަޑިއިރު ވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާ އެކު މުޅި ދުނިޔެ ކުރިމަތީގައި ތިޔަ ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ،" ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަން ހުންނެވި ފޮޓޯއަކާ އެކު ކުރެއްވި ޕޯސްޓުގައި ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވި ގޮތުގައި މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަމުން ނަމޫނާ ނަގައިގެން ކަމުގަ އެވެ. އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ރީތި އަހުލާގަށް ވެސް ޝުކުރު ދަންނަވާފަ އެވެ.

މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ސަރުކާރަށް ތާއީދުކުރާ އާންމުން ދަނީ ރައީސް ދެއްކެވި ނަމޫނާ ފާހަގަކޮށް ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓުތައް ކުރަމުންނެވެ. އަދި ކަމުގައި ހިޔާލު ތަފާތު ފަރާތްތަކުން ދަނީ އެ ފަރާތްތަކުގެ ޝުއޫރުތައް ވެސް ފާޅުކުރަމުންނެވެ.

Ads by Allied Insurance