ކާރިސާތައް ފަދަ ދަނޑިވަޅުތަކުގައި ވެސް ސަރުކާރުން ހިދުމަތްތައް ދެވޭ ގޮތަށް ޕްލޭނެއް ހަދަން ހަވާލުކޮށްފި

ކާރިސާތައް ފަދަ ދަނޑިވަޅުތަކުގައި ވެސް ސަރުކާރުގެ ހިދުމަތްތައް ހުއްޓުމެއް ނެތި ދެވޭ ގޮތަށް ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭންއެއް ހަދަން ހޯމް މިނިސްޓްރީން އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.
ހޯމް މިނިސްޓްރީން އެ މަޝްރޫއު ކުރިއަށް ގެންދަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެވުޒާރާއިން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން (ޑީމެޑް) މަޝްރޫއުގެ ދަށުންނެވެ.
އެންސީއައިޓީއަށް ބޭނުންވާ ޑިޒާސްޓާ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއްކަމަށްވާ "ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް" އާއި އެކުގަ އެވެ. ކޭ.ބީ.އެސް.އެލް އަކީ 1987 އިން ފެށިގެން އިންފޮމޭޝަން ޓެކްނޯލޮޖީދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސްރީލަންކާގެ ކުންފުންޏެކެވެ.
އެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ އެންސީއައިޓީގެ އިސްވެރިޔާ އަދި ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ކިނާނަތު އެވެ.
އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް،ކްރިޝާން ޕެރޭރާ އެވެ.
މި މަސައްކަތް ލަންކާގެ ކުންފުންޏާ ހަވާލުކުރީ ހަތަރު މަސް ތެރޭ ނިންމާ ގޮތަށް 45,525 އެމެރިކާ ޑޮލަރަށެވެ.
ހޯމް މިނިސްޓްރީން ބުނީ ކޭބީއެސްއެލްއިން ތައްޔާރުކުރާ ޕްލޭންއަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑް ތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާން ޖެހޭނެ ކަމަށެވެ.
އަދި އެ ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ އިންފްރަސްޓްރަކްޗަގެ މިވަގުތުގެ ހާލަތާއި، ގުދްރަތީ ކާރިސާތަކާއި، ސައިބަ ހަމަލާތަކާއި، ކަންރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާއި ގުޅޭ ރިސްކް އެސެސްމަންޓްތައް ވެސް ހަދާނެ ކަމަށެވެ.
އަދި މިފަދަ ޕްލޭނެއް ތަންފީޛް ކުރުމާއި ގުޅޭގޮތުން މުވައްޒަފުންގެ ހުންނަންޖެހޭ ހުނަރާއި އިންސާނީވަސީލަތް ތަރައްޤީކުރަން ބޭނުންވާނެ ތަމްރީނުތައްވެސް ކަނޑައަޅައި އަދި އެފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
