އެެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއް ފަށައިފި

އެެމެރިކާގެ އަސްކަރިއްޔާގެ ހާއްސަ ޔުނިޓެއް ކަމަށްވާ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން "ބްލެކް މާލިން" ގެ 5 ވަނަ އަސްކަރީ ފަރިތަކުރުންތައް ފަށައިފި އެވެ.
ފަރިތަކުރުންތައް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް ބްރިގޭޑިއަ ޖެނެރަލް އަބްދުﷲ ޒުހުރީ އެވެ.
އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އަސްކަރީ ފަރިތަކުރުންތަކުގައި ފަސް އެސްއެމްއީއީ ޕްރޮގްރާމް (ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފަ އެވެ.
އޭގެ ތެރޭގައި އިންޓެލިޖެންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.
ފަރިތަކުރުންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ހިއުގޯ ޔޮންއާގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް އަދި އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގެ ޑައިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ހަސަން ޝާހިދުގެ އިތުރުން ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
