ރައީސް މުއިއްޒު ރެކޯޑް ހެއްދެވި 15 ގަޑިއިރުގެ ކޮންފަރެންސް ބައިނަލްއަގުވާމީ ނޫސްތަކަށް

އެންމެ ގިނަ އިރުވަންދެން ރައީސްއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވިއިރު އެކަން ބައިނަލްއަގުވާމީ ނޫސްތަކަށް ވެސް އަރައިފި އެވެ.
ޕްރެޒެްޓޭޝަންއާއައި ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވި އެ ނޫސްވެރިންގެ ބައްދަލުވުން ހެނދުނު 10 ޖެހިއިރު ފަށައި ނިންމާލިއިރު 15 ގަޑިއިރު ވެއްޖެ އެވެ.
އެކަން ފާހަގަކޮށް ކަވަރުކުރި ބައިންއަގުވާމީ މީޑިއާތަކުގެ ތެރޭގައި ޓައިމްސް އޮފް އިންޑިއާ، މެލޭ އޮންލައިން، ފްރާންސް 24 އަދި ސްވީޑަން ހެރޭލްޑް ފަދަ ނޫސްތައް ހިމެނެ އެވެ.
އެ ނޫސްތަކުން ވެސް ފާހަގަކުރި ގޮތުގައި ރައީސް މުއިއްޒު ހެއްދެވީ ރެކޯޑް އެެކެވެ. އަދި ރައީސް މުއިއްޒު އެ ރެކޯޑް ހެއްދެވުމުގެ ކުރިން އެ ރެކޯޑް އޮތީ ޔުކްރޭންގެ ރައީސް ވޮލޮޑުމީރު ޒެލެންސްކީގެ އަތްޕުޅުގައިކަން ވެސް ފާހަގަކޮށްފަ އެވެ. އެއީ 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމަކާއެކު އެވެ.
ޒެލެންސްކީ އެ ރެކޯޑް ހެއްދެވީ 2019 ވަނަ އަހަރު އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހަމައެކަނި މެދުކަނޑާލީ ނަމާދަށާއި އެހެނިހެން މުހިންމު ކަންކަމަށް ވަރަށް ކުޑަ ކުޑަ ވަގުތުކޮޅަކަށެވެ..
އަދި އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ތަފާތު ނުކުރައްވައި ބައްދަލުވުމުގައި ބައިވެރިވެއްވި ހުރިހާ ނޫސްވެރިންގެ ސުލާލުތަަކަށް ޖަވާބު ދެއްވައިފަ އެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މީގެ 500 ވަރަކަށް ދުވަސް ކުރިން ނެވެ. އެހެން ނަމަވެސް ސަރުކާރުގެ ވަޒީރުން މެދުވެރިކޮށް ގިނަ އަަދަދެއްގެ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި އެކި މަޝްރޫއުތަކާއި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތު އެ ވަޒީރުން ދިޔައީ ދެއްވަމުން ނެވެ،.