މިދިޔަ މަހު ވޭޕް ޖޫރިމަނާގެ ގޮތުގައި ދެ ލައްކައެއްހާ ރުފިޔާ

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެ ގާނޫނާ ހިލާފުވެ، ވޭފް ބޭނުންކޮށްގެންނާއި ގެންގުޅެގެން މިދިޔަ މަހު ދެ ލައްކައެއްހާ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އިއްޔެ ބުނީ މިދިޔަ މަހު 1 އިން 30 ގެ ނިޔަލަށް 39 މީހުން 192،500 ރުފިޔާއިން ޖޫރިމަނާކުރި ކަމަށެވެ.
ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވަ އެވެ. އަދި އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި އިނދެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ އިސްލާހާ ގުޅިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
ވޭޕް ކުރުމާއި ގެންގުޅުން ޖޫރިމަނާކުރި ނަމަވެސް އަދިވެސް ފާޅުގައި ގިނަ ބަޔަކު މަގު މަތީގައާއި އަދި ހޮޓާ ކެފޭ ތަންތަނުގައި ވެސް ވޭޕް ކުރެ އެވެ.
އެހެންނަމަވެސް އެކަން ހުއްޓުވަން މާބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.
