ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ރައީސް މައުމޫނާއި އެމްއާރްއެމުން ކުރެއްވި ހިތްވަރުގެ ހަނދާން އާކޮށްލަން: ޔުމްނާ

މީގެ ދެ އަހަރު ކުރިން ކޯލިޝަނާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި މިހާރުގެ އެމްއާރްއެމްގެ ލީޑަރޝިޕާއި މެންބަރުން ކުރެއްވި ހިތްވަރުގެ ހަނދާންތައް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު އާކުރައްވައިފިއެވެ.
ޓްވިޓާ މެދުވެރިކޮށް ކުރީގެ ފޮޓޯތަކެއް ހިއްސާ ކުރައްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، އެއީ މީގެ ދެ އަހަރު ކުރިން ކޯލިޝަނާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި މިހާރުގެ އެމްއާރްއެމް ގެ ލީޑަރޝިޕާއި މެންބަރުން ކުރެއްވި ހިތްވަރުގެ ހަނދާންތައް އާކޮށްލުމެއް ކަމަށެވެ.
2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބު މިސަރުކާރުން ކާމިޔާބު ކޮށްފައިވަނީ އެމްއާރްއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއެކު ކޯލިޝަން ހެއްދެވުމަށްފަހު، ވެރިކަން ހިންގާނީ ކޯލިޝަން ގުޅިގެން ކަމަށް ވެސް ބުނެއެވެ.
ނަމަވެސް މިފަހަކަށް އައިސް މިސަރުކާރަކީ "އެމްޑީޕީ ވެރިކަމެއްގެ" ގޮތުގައި ބުނަމުން އަންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެޕާޓީއަށް ލިބުމުން، މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.