މުނިފޫހިފިލުވުން ދިވެހި ސިނަމާ

ހިންނަވަރަށް މަޝްހޫރު މީހަކު ސިނަމާއަށް އަންނަނީ!؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމުގެ ފަސްޓް ލުކްގެ މަންޒަރެއް

"ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު..." ވީޑިއޯ ފަށަނީ އަންހެނަކު މިހެން ބުނާ އަޑުންނެވެ.

Ads by MPL

ދައްކަން މިއުޅެނީ ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯއިން އިއްޔެ އާންމު ކުރި ފަސްޓް ލުކްގެ ވާހަކަ އެވެ. މިއީ މިއަހަރު ސިނަމާއަށް އަންނަން ތައްޔާރުވެފައިވާ ފީޗާ ފިލްމެކެވެ. އެހެންނަމަވެސް ފިލްމުގެ މާ ގިނަ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އިއްޔެ އާންމުކުރި ވީޑިއޯގައި ފެންނަނީ އިނގިރޭސި ބަހުން "ކްރިއޭޓިވް ނެޓްވޯކް ގެނަސްދެނީ" ލިޔެފައިވާ ތަނެވެ. އެއާއެކު އަަންހެނަކު އޭނާގެ އަޑުން ބުނަނީ "ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު..." މިހެންނެވެ. ދެން ފެންނަނީ ފުންނާބު އުސް ފައިވާނެއްގައި ހުރި އަންހެނަކު ވަރަށް ބާރަށް ފިޔަވަޅު އަޅާ މަންޒަރެވެ. އެ ފިޔަވަޅާއިއެކު ބިންމަތީގައިވާ ފަތްތައް ބުރަ ބުރައިގެން ދެ އެވެ.

އަންހެން މީހާގެ ފައިގެ އިނގިލިތަކުގައި އަނގޮއްޓިތަކެއް އަޅާފައި ވެއެވެ. އަދި ފައިގައި ކެވެލިކޮޅެއްވެސް އޮވެ އެވެ. މިއީ ކާކުކަން ކްރިއޭޓިވް ނެޓްވޯކުން ހާމަކޮށްފައި ނުވިނަމަވެސް އަޑުން ސާފުވާ ގޮތުގައި އެއީ ބަތަލާ އައިޝާ އަލީ އެވެ.

ފައި އެޅުމުގެ މަންޒަރުން ދެން ފޭޑު ވަނީ ބޮތްކެއްގެ އަލިކަމަށެވެ. އެ ބޮތްކަށް ދެ ތިކި ލޭ ޖަހާ މަންޒަރު ފެނެ އެވެ. އެއާއެކު މިއަހަރު ސިނަމާއަށް އަންނާނެކަން ލިޔުންކޮޅަކުން އިއުލާން ކުރެ އެވެ.

ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމުގެ ނަމެއް އަދި ސިނަމާއަށް އަންނަ ތާރީހެއްވެސް އަދި އިއުލާނެއް ނުކުރެ އެވެ. މިފިލްމުގެ ލީޑު އެކްޓަރުންނާއި ޑައިރެކްޓަރުގެ ތަފްސީލެއްވެސް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި މިފިލްމުގައި ރާއްޖޭގެ މަޝްހޫރު ގިނަ އެކްޓަރުން ފެންނާނެ އެވެ.

ފިލްމުގެ މަންޒަރުތައް ޅ. ހިންނަވަރުގައި ނަގާފައިވާކަމަށް ބެލެވެ އެވެ. ފަސްޓް ލުކްއިން މިއީ ކޮން ޖޯންރާއެއްގެ ފިލްމެއްކަން ބުނަން އުނދަގުލެވެ.

މިހިނގާ 2025 ވަނަ އަހަރު ބޮޑެތި ގިނަ ފިލްމުތަކެއް ސިނަމާއަށް އަންނާނެ އެވެ. އެގޮތުން މިހާރު ސިނަމާގައި ދައްކަމުން ދަނީ މަގްބޫލު ޑައިރެކްޓަރު މޫމިން ފުއާދުގެ "އަބަދަށް" އެވެ. އަދި އެއަށްފަހު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "ސޮރީ" އަޅުވާނެ އެވެ. މީގެ އިތުރުންވެސް ބައެއް ފިލްމުތައް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

Ads by Ooredoo