ޚަބަރު ރައްޔިތުންގެ މަޖިލިސް

މަގޫދޫގައި އެއާޕޯޓު އެޅުމަކީ ގޯސް ނިންމުމެއް، މި ދައުރުގެ ތެރޭ ނިންމައި ހުޅުވާނަން: މުއްތޮލިބް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާގައި އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

މިދިޔަ އެމްޑީޕީގެ ސަރުކާރުން ފ. ނިލަންދޫގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓު މަގޫދޫއަށް ބަދަލުކުރަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމަކަށް ނުވި ނަމަވެސް އެ ރަށުގައި ކުރިއަށް ގެންދާ މަޝްރޫއު މި ދައުރުގެ ތެރޭގައި ނިންމައި އެ އެއާޕޯޓު ހުޅުވާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު އެމްޓީސީސީ އާ ހަވާލުކުރީ 231.5 މިލިއަން ރުފިޔާއަށް ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މަޝްރޫއުގެ ދަށުން 1،500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި ޕެސެންޖާ ޓާމިނަލް އިމާރާތެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

އެ މަޝްރޫއުގެ މަސައްކަތް މެދުކަނޑާލިއިރު، ރަންވޭ އާއި ކޮންޓްރޯލް ޓަވަރާ އަދި ފަޔާ ސްޓޭޝަނުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް، މިދިޔަ އަހަރު އެ މަސައްކަތް ހުއްޓާލުމާ ގުޅިގެން އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ.

މަސައްކަތް ހުއްޓާލި ސަބަބު ހާމަކޮށްފައި ނުވާއިރު، ސަރުކާރުން ވަނީ އެ ރަށާ ކައިރީގައި އޮތް ނިލަންދޫގައި އެއާޕޯޓު އަޅަން ނިންމައި، އެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ.

މަގޫދޫ އެއާޕޯޓު މަޝްރޫއާ ގުޅޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވަނީ އިންފްރާސްޓްރަކްޗަ މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ސުވާލުކުރެއްވީ އެ އެއާޕޯޓުގެ މަސައްކަތް ހުއްޓުނީތޯ އާއި އެ މަޝްރޫއުގެ ސަބަބުން ދައުލަަތަށް ކުރާނެ ގެއްލުމާ ގުޅޭގޮތުންނެވެ.

ސުވާލުގެ ޖަވާބުގައި މުއްތޮލިބް ވިދާޅުވީ މަޝްރޫއުގެ މަސައްކަތުގައި މަޑުޖެހުމެއް އައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށް ގެންގޮސް މި ދައުރުގެ ތެރޭގައި ނިންމައި އެއާޕޯޓު ހުޅުވާނެ ކަމަށެވެ.

އެ އާއެކު ފާހަގަކުރެއްވީ އެ އެއާޕޯޓަކީ ނިލަންދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓެއް ކަމަށެެވެ. އެއާޕޯޓު މަގޫދޫއަށް ބަދަލުކުރަން މިދިޔަ ސަރުކާރުން ނިންމީ ރަނގަޅަށް ނޫން ކަމަށެވެ.

"އަބަދުވެސް ނިލަންދޫގައި އަޅަން ކަނޑައެޅިފައި އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން. އެއާ އެއްކޮށް ސަރުކާރުން ޑިވެލޮޕްމެންޓަލް ޕްލޭނާ އެއްކޮށް ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހެނީ. އެހެންނަމަވެސް މަގޫދޫގައި މަސައްކަތް ކުރިއަށް ގެންގޮއްސައި އޮތް މަޝްރޫއު އަޅުގަނޑުމެން ގޮސް ނިންމާނަން،" މުއްތޮލިބް ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗަ މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މަޝްރޫއާ ގުޅިގެން މިހާރު އެ ރަށުގައި ކުރިއަށް ދަނީ ޝޯ ޕްރޮޓެކްޝަން މަސައްކަތް ކަމުގަ އެވެ. މަސައްކަތުގައި ލަސްކަމެއް ހުރި ނަމަވެސް އެ ކަންކަން އަވަސްކޮށް، އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ކަންކަން ސަރުކާރުން ކުރިއަށް ގެންދާނެކަން ފާހަގަކުރެއްވި އެވެ.

Ads by Allied Insurance