ޚަބަރު

ރައުދު ހައްޔަރުކުރީ ހެކި ލިބުނު ހިސާބުން: މިނިސްޓަރު އިހުސާން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައުދު އަހްމަދު ޒިލާލް: ތަހުގީގަށް އެއްބާރުލުން ނުދޭ މައްސަލަ އާ ގުޅިގެން ވަނީ ހައްޔަރުކޮށްފައި / ފޮޓޯ:ފުލުހުން

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމުން ރަޝީދު ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރީ ހެކި ލިބުނު ހިސާބުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MPL

އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކުރީ މިދިޔަ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރުން ލަސްވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެސް ވެފަ އެވެ.

މިރޭ ކުރިއަށްދާ ވަޒީރުންގެ "އަހާ ފޯރަމް"ގައި ވެސް އެ ސުުވާލު މިނިސްޓަރު އިހުސާންއާ އަމާޒުވި އެވެ.

އިހުސާން ވިދާޅުވީ އަންހެން ކުއްޖާ ވެއްޓިފައި އޮތް މައުލޫމާތު ލިބުނު ހިސާބުން ސީންއަށް އެޓެންޑުވެ އޭނާއަށް ފަރުވާ ދިނުމުގެ ކަންކަން ހަމަޖައްސައި ތަހުގީގު ފެށި ކަމަށެވެ.

އަދި ކެމެރާއިން ރައުދު ފެނިގެން އޭނާ ގެނައި ކަމަށާއި އަދި އޭނާގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށެވެ. އަދި އޭރު ތަހުގީގުކުރީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަހުން ލިބުނު މައުލޫމާތުގެ އަލީގައި ހައްޔަރުކުރަން ޖެހުނު ހިސާބުން [ރައުދު] ހައްޔަރުކުރީ. އެހެންވީމާ ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބެމުން އަންނަ ހެކިތަކަށް ބަލާފަ ކުރަމުން އަންނަ ތަހުގީގެއް، އަޅުގަނޑުމެންގެ ހިތު ލަަފައަށް އަޅުގަނޑުމެން ހީކުރާ ގޮތަށް ކުރަމުން އަންނަ ކަމެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ ޕްރޮފެޝަނަލް ތަހުގީގެއް ކުރަމުންދާ އިރު ހެއްކާ ގަރީނާ ލިބެމުންދާ ވަރަކުން ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެގޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައުދު މިހާރުވެސް ހުރީ ބަންދުގަ އެވެ. އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ދުވަސް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.

ރައުދު ތަހުގީގުގައި ބުނެފައިވާ ގޮތުން ޔުމްނު ވެެއްޓުނު ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަަމަނުޖެހުންތަކެއް ހިނގި އެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން  ނުދެއެވެ.

ޔުމްނު ވެއްޓުނުއިރު ރައުދާއެކު އިތުރު ބަޔަކު ތިބިކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.

Ads by HDC