ޚަބަރު ރައްޔިތުންގެ މަޖިލިސް

ދަރިވަރުންގެ ޝަކުވާތައް ބަލައިގަންނަން ހާއްސަ އެޕްލިކޭޝަނެއް ތައާރަފު ކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ޝަކުވާތަކާއި ރިކުއެސްޓުތައް ބަލައިގަތުމަށް ހާއްސަ އެޕްލިކޭޝަނެއް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

ހަޔާ އެޑިއުކޭޝަން މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ސްޓޫޑެންޓް ލޯނު ސްކީމާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

ކުޑޫގެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ޖުޅިގެން އޭނާ ވަނީ މިނިސްޓްރީއަށް ދަރިވަރުންކުރާ ފޯނު ކޯލުތަކަށާއި އީމެއިލްތަކަށް ޖަވާބު ނުދެވުމަކީ އެ ކުދިންނަށް ކުރިމަތިވާ ވަރަށް ބޮޑު ދަތިކަމެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. ވުމާ އެކު ކަންކަން ޒަމާނީ ފެންވަރަކަށް ބަދަލު ކުރެވޭނީ ކޮންއިރަކުންތޯ ސުވާލު ކުރެއްވި އެވެ.

ހައިދަރު ވިދާޅުވީ އިތުރު ގޮތްތައް ހޯދައިގެން ދަރިވަރުންނަށް ޖަވާބު ދެވޭތޯ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން ވަޓްސްއެޕް ނަމްބަރެއް މިހާރު ތައާރަފުކޮށްފައިވާ ކަމަށާއި އެ ނަމްބަރު މެދުވެރިކޮށް ދަރިވަރުންގެ ޝަކުވާތަކާއި ރިކުއެސްޓުތައް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އެ ނަމްބަރަށް ގުޅުމުން ނުވަތަ މެެސެޖެއް ކުރުމުން ވަގުތުން ކަންކަމަށް ޖަވާބުދެމުންދާ ކަމުގެ މައުލޫމާތު ޝަކުވާ ހުށަހެޅި ދަރިވަރުންގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން 50 ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ގައުމުތަކަށް ހާއްސަކޮށް ވަކި ހާއްސަ ވަޓްސްއެޕް ނަމްބަރެއް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރެެއްވި އެވެ.

ވަޓްސްއެޕް ނަމްބަރުތަކުގެ އިތުރުން ދަރިވަރުންނަށް ޖަވާބު ދިނުން އަވަސް ކުރުމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ އެޕް އާއެކު ދަރިވަރުންގެ ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަސޭހަވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ތައާރަފު ކުރަން އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް ކިޔާ އެޕެއް. އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓުތަކަށް ނޫނިއްޔާ ކޮމްޕްލެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓްރީއަށް ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބު ދިނުން ލަސްވާތީ އެކަން ހައްލު ކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު މީގެކުރިން ވިދާޅުވެފައި ވަނީ ލިބޭ ސިޓީ އާއި އީމެއިލްތަކަށް އެންމެ ގިނަ ދުވަސް ވެގެން ވެސް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭތޯ ބަލަމުން ގެންދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ގެންދަނީ ތިން ދުވަހުގެ ތެރޭގައި ސިޓީ އާއި އީމެއިލްއަށް ޖަވާބުދެވެމުން ގެންދެވޭތޯ ބެލުމަށް އަމާޒުކޮށްގެން ކަމަށެވެ.

އޭގެ އިތުރުން ދަރިވަރުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމަށް މައުލޫމާތު ބަލަހައްޓާނެ ޕޯޓަލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓެން ފެށުމުން، ދަރިވަރުންގެ ރިކުއެސްޓުތަކަށް ޖަވާބު ދިނުން ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭރު ހައިދަރު ވިދާޅުވެފައިވެ އެވެ.