ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރުގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި

އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' ޓަވަރު 6 ގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއް ކަމަށެވެ. އެ އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ 6 ވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގަ އެވެ.
އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް އޮފީހުން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް އެ އޮފީސް ހުޅުވިފައި ހުންނާނެ އެވެ.
'ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނެ 'ވިނަރެސް' އެޗްޑީސީ އޮފީހުންނެވެ.
