ޚަބަރު

ފޭކް ވިސާގައި ބިދޭސީން ގެނެސް މަނީލޯންޑާ ކުރުމުގެ ބޮޑެއް އަތުލައިގަނެފި

އަލީ ސަމާޙް ، ދެން އޮންލައިން
ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްގެން ފައިސާ ހޯދައި މަނީލޯންޑަރިން ކުރި މައްސަލައިގައި ހައްޔަރުކުރި ޝަހާދަތު ހުސައިން --

ފޭކް ވިސާގައި ރާއްޖެއަށް ބިދޭސީން ގެނެސް މަނީލޯންޑާ ކުރުމުގައި އިސްކޮށް އުޅުނު ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

Ads by STELCO

ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްގެން ފައިސާ ހޯދައި މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށް ދައުވާކުރަން ފޮނުވާފައިވަނީ ޝަހާދަތު ހުސެއިން (34އ) ގެ މައްޗަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ޝަހާދަތުއާ ގުޅުންހުރި މޯބައިލް ފޯނު ހިމެނޭހެން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލައާ ގުޅޭ ހެކިތައް ހޯދާފައިވާ ކަމަށެވެ.

ބީއެމްއެލްގައި 6 އެކައުންޓެއް، އުޅުނީ ތަނަވަސްކޮށް

މިއަދު ބޭއްވި ޕްރެސްގައި ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ހަމްޒަތު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން 4 ވޯކް ޕާމިޓެއްގައި ޝަހާދަތު ރާއްޖޭގައި އުޅެމުން އަންނަ ކަމަށާއި 2019 އަށް ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި 6 އެކައުންޓެއް ހުޅުވި ކަމަށެވެ.

"މިގޮތުން ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޔޫއެސް ޑޮލަރުގެ 3 އެކައުންޓު ހުޅުވާފައިވާކަން އެނގޭ،" ވޯކް ޕާމިޓުން އެނގޭ ގޮތުގައި ޝަހާދަތު އެންމެފަހުން މަސައްކަތްކޮށްފައިވަނީ އޮފީހެއްގެ އޮފީސް ބޯއީއެއްގެ މަގާމުގައި ކަމަށް ހަމްޒަތު ވިދާޅުވި އެވެ. އެފަދަ ދަށް މަގާމެއްގައި ހުރި ނަމަވެސް އޭނާގެ ''ލެޓާ އޮފް އެޕޮއިންޓްމެންޓް" ގައިވާ ގޮތުން އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 3،000 ޑޮލަރު ލިބެ އެވެ.

"އަދި އެކްސްޕެޓް ސިސްޓަމްގައިވެސް ޖަހާފައިވަނީ އޮފީސް ކްލީނާ ކަމަށާއި ހަމަ މުސާރަ 3،000 ޑޮލަރު ކަމަށް،" ހަމްޒަތު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ވޯކް ވިސާ ނުދައްކާތީވެ ޝަހާދަތުގެ ވޯކް ޕާމިޓް އެކްސްޕަޔާ ވެފައިވާ ކަމަށެވެ.

ޝަހާދަތު މާލޭގައި އުޅުނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަގައިގެންނެވެ. އޭނާ ގެންގުޅޭ ފޯނާއި ލެޕްޓޮޕުން އެކި ކުންފުނީގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕާއި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓުތަކާއި ބިދޭސީންގެ ޕާސްޕޯޓުގެ އިތުރުން ދިވެހި އައިޑީކާޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސްޕެޓް ސިސްޓަމްގައި ގިނަ އެކައުންޓުތަކެއް

  • އަމިއްލަ ފަރުދުންގެ ވިޔަފާރިވެރިންގެ ނަމުގައި 153 އެކައުންޓް (އައިޑީ އަދި ޕާސްވޯޑް)
  • ބޭރު ކުންފުނިތަކުގެ ނަމުގައި 7 އެެކައުންޓް (އައިޑީ އަދި ޕާސްވޯޑް)
  • އަމިއްލަ ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓް (އައިޑީ އަދި ޕާސްވޯޑް)
  • އަމިއްލަ ފަރާތްތަކުގެ ނަންނަމުގައި 126 އެކައުންޓް
  • ޕާޓްނާޝިޕްގެ ނަމުގައި އެކްސްޕެޓް ސިސްޓަމްގައި ރިލޭޝަން ގާއިމްކޮށްފައިވާ 5 އެކައުންޓް

ފުލުހުން ބުނީ އެކްސްޕެޓް ސިސްޓަމް އަދި އީފާސް އެކައުންޓުތަކުގެ ކްރެޑެންޝިއަލްތަކަކީ ޝަހާދަތު އަމިއްލައަށް ކްރިއޭޓްކުރި އައިޑީތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މި މަސައްކަތުގެ ފަހަތުގައި މޯލްޑިވްސް އިމިގްރޭޝަނުގައި މަސައްކަތްކުރާ ބަޔަކާއި އާއްމު އެތައް ބަޔަކު ޝަހާދަތުއާ ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގައި ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ  މަގުމައްޗަށް ދޫކޮށްލައި، އޯޕަން ބައެއްގެ ގޮތުގައި މަސައްކަތް ކުރުވައި މާލީ މަންފާ ނަގާ ކަމަށް ބެލެވޭ ކަމަށް ހަމްޒަތު ވިދާޅުވި އެވެ.

ފުލުހުން ބުނީ 2019 އިން ފެށިގެން ޝަހާދަތުގެ ބޭންކް އެކައުންޓުތަކަށް 8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޖަމާކޮށް ދައުރުކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އެކްސްޕެޓް ޕޯޓަލްގެ ތެރެއިން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަން ފާހަގަކުރި އެވެ.

Ads by HDC