ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ މަހާޒްއާއި އަޒްމިރަލްދަ ވަކިކުރަން އުޅޭތީ އެޗްއާާރުސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ މިހާރު ސަސްޕެންޝަންގައި ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރަން އުޅޭތީ ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް)އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް މިދިޔަ ހޮނިިހިރު ދުވަހު ވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ފާސްކޮށްފަ އެވެ.
އެކަމާ ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރުން އެދިވަޑައިގަތް ނަމަވެސް އެފަދަ އެއްވެސް ފުރުސަތެއް ނުދޭ ކަމަށެވެ. އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައްވެސް ސިއްރުކޮށް ގެންގޮސް ދެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާމެދު ކަންބޮޑުވާކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
އެހެންވެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ހާމަކަމާއެކު ކުރިއަށް ގެންދެވޭ އިޖުރާޢަތުގެ ތެރެއިން، ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު އެފަނޑިޔާރުންނަށް ފަހިކޮށްދިނުމަށް އެޗްއާރުސީއެމްއިން ގޮވާާލި އެވެ.
"އަދުލުވެރި އަދި ތައައްސުބުން އެއްކިބާވެފައިވާ ނިންމެވުމަކަށް ވާސިލުވެވޭނެ ގޮތެއްގެ މަތީން، އެ ފަނޑިޔާރުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދެއްވުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްއިން އިތުރަށް ބުންޏެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.