ޚަބަރު

އެކި ދާއިރާތަކުން ކުވޭތާއެކު ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެކި ދާއިރާތަކުން ކުވޭތާއެކު ގުޅުން ބަދަހިކުރަން މަޝްވަރާކުރުން--

އެކި ދާއިރާތަކުން ކުވެއިތާއެކު ރާއްޖޭއިން ގުޅުން ބަދަހިކުރަން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

Ads by MPL

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން  އެވެ.

އެގޮތުން މިނިސްޓަރު ހަލީލް މިއަދު ވަނީ ކުވޭތުގެ އެކްޓިން ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް އިންޓީރިއާ ޝެއިޚް ފަހަދު ޔޫސުފު ސައުދު އަލް- ސަބާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށް ކުވޭތު ލީޑާޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށާއި ހާރިޖީ ވަޒީރަށް ޝުކުރުވެސް އަދާކުރައްވައިފަ އެވެ.

ހާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން މިނިސްޓަރު ހަލީލު ފާހަގަކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި، ކުވޭތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޝަރީދާ އަބްދުﷲ ސާދު އަލް-މައުޝަރީ، ޕްރައިމް މިނިސްޓާ އޮފީހުގެ ޗީފް، އަބްދުލް އަޒީޒު ދާހިލް އަލް-ދާހިލް އަދި އެސިސްޓަންޓް ފޮރިން މިނިސްޓާ ފޯ އޭޝިއަން އެފެއާޒް، ސާމިހު އީސާޖައުހަރު ހަޔާތު ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by HDC