ޚަބަރު

އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މަސައްކަތް ކުރެވުނީތީ އުފާކުރަން: މަހާޒު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަހާޒު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލިހެއްގައި: ވިދާޅުވީ އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މަސައްކަތް ކުރެއްވުނީތީ އުފާކުރައްވާ ކަމަށް --

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، އެ ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މަސައްކަތް ކުރެއްވުނީތީ އުފާކުރައްވާ ކަމަށް ފަނޑިޔާރު ކަމުގެ މަގާމުން މިއަދު ވަކިކުރެއްވި މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

Ads by MPL

ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލިހަށް ފޮނުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.

މައްސަލަ އާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސިއްރުން ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ވޯޓުން ފާސްކުރީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި އެ ގޮތަށް މަޖިލިހުގެ ތަޅުމަށް ބަހުސްކޮށް ވޯޓަށް އެހުމަށް ފޮނުވުމަށެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރުން ވަކިކުރުމާ މެދު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވައި ބަހުސްކުރުން ކުރިއަށް ގެންގޮސްފަ އެވެ.

ބަހުސްއަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން 68 މެމްބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންގެ އިތުރުން އައްޑޫމީދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުއްރަހްމާނެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން އެގޮތަށް އެދި މަޖިލިހަށް ފޮނުވައި ތަޅުމުން ނަގާ ވޯޓަކުން ކަމަށްވާއިރު، މިއަދު ނެގި ވޯޓާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރަލްދާ އާއި މަހާޒު ވަނީ ވަކިވެފަ އެވެ.

މަގާމުން ވަކި ކުރެއްވުމާ އެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މަހާޒު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ކުރެއްވި ހުރިހާ މަސައްކަތެއް ވެސް ކުރައްވާފައި ވަނީ ކުރާ ހިތުން ކަމުގައި ފާހަގަކުރެއްވި އެވެ.

"ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން،" މަހާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ވިދާޅުވެ މަހާޒު ވަނީ ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅު ހަދައި ފާޅުކުރި ޝުއޫރުތަކަށާ އަދި އޭނާއަށް ހިތްވަރުދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މައްސަލައިގައި އަމަލުކުރަމުންދާ ގޮތާ މެދު އދ. އާއި ކޮމަންވެލްތާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުގެ ބާ އެސޯސިއޭޝަންތަކުގެ އިތުރުން ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުންނާއި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ދެ ފަނޑިޔާރުންގެ އިތުރުން ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކުރި އެވެ. އޭނާ ވަނީ މާޗް 4 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަޒްމިރަލްދާ އާއި މަހާޒު ވަކިކުރިއިރު، މަޖިލިހަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މީގެކުރިން ވެސް ވަނީ ވަކިކޮށްފަ އެވެ.

Ads by Allied Insurance