އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތްކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާ އެކުގައި އެމްޑީޕީން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
މަޖިލިހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 1:30 ގަ އެވެ. މިއަދުގެ ޖަލްސާއަކީ ޗުއްޓީއަށް ދިއުމުގެ ކުރިން ބާއްވާ ފަހު ޖަލްސާއަށްވާއިރު، ޖަލްސާގެ އެޖެންޑާ ކަނޑައަޅާފައި ވަނީ ރޭ ދަންވަރެވެ. މަޖިލިހުގެ ޖަލްސާތައް އާންމުކޮށް ބާއްވަމުން ދަނީ ހަފުތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވަޒީރުންގެ މަޖިލިހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.
ހިނގައިގެން އުޅޭ ހާދިސާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އަމީން އާ އާއިލީ ގޮތުން ގުޅުންހުރި ދެ މީހަކު ހިމެނޭކަން މިނިސްޓަރުގެ އަމިއްލަ ބަހުން ވެސް އެނގި ހާމަވެފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އަދި މައްސަލަ އާ ގުޅިގެން ފުލުހުން މިހާތަނަށް އާންމުކުރި މައުލޫމާތުތަކުން ވެސް އަމީން ދިިރިއުޅުއްވާގެ ކަމަށްވާ މއ. މާންދޫގޭދެކުނު ގޭގައި ހާދިސާ އާ ގުޅުންހުރި ކަންތައްތަކެއް ހިނގައިދިޔަކަން އެނގެން އޮތްކަން ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ފަރާތުން ހާދިސާގެ މައުލޫމާތު އާންމުކުރުމުގައި، މިނިސްޓަރުގެ ގޭގެ ނަން ހާމަކޮށްފައި ނުވުމާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގުނު އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ވެސް ސިއްރުކުރުމަށް މަސައްކަތްކޮށްފައިވާކަން އެނގެން އޮތް ކަމުގަ އެވެ.
އަމީންގެ އާއިލީ މަސްލަހަތު ހިމެނޭ ފަރާތްތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް ކުރިމަތިވެދާނެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ޒިންމާއިން ބަރީއަކުރުމަށް، ފުލުހުން ހިންގަމުންދާ ތަހުގީގަށް މިނިސްޓަރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރައްވާކަން ހާމަވާ ކަންކަން ފެންމަތިވެފައިވާ ކަމަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އެ ކަންކަމަކީ މަގާމުގެ ހައިސިއްޔަތުން މިނިސްޓަރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ އަމަލުތަކެއް ކަމަށާއި އެއީ ވަޒީރުންގެ މަޖިލިހުގެ މެމްބަރަކު ކޮށްގެން ނުވާނެ ކަންތައްތައް ކަމުގައި ބަޔާންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އަމީން މިނިސްޓަރުގެ މަގާމުގައި އިތުރަށް ހުރުމަކީ އާންމުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމުގަ އެވެ.
