ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުޑަ ނަމަ ކައުންސިލުތަކުގެ ބައި-އިލެކްޝަން ނުބާއްވަން ފާސްކޮށްފި

ލޯކަލް ކައުންސިލުތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ މޫސާ އެވެ.
މިދިޔަ އާދިއްތަ ދުވަހު ހުށަހެޅި އެ ބިލުގެ ބަހުސް އަންގާރަ ދުވަހު ކުރިއަށް ގެންގޮސް އެ ދުވަހު ވަނީ މަޖިލިހަށް ބިލު ބަލައިގަނެ، ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ބިލުގެ މަސައްކަތް ކުރުމަށް ކޮމިޓީން ބައްދަލުވުން ބާއްވާފައި ވަނީ ރޭ ދަންވަރު 12:30 ގަ އެވެ. ޖުމްލަ 11 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމުގައި ނިންމީ ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށް ފާސްކުރުމަށެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ.
އެގޮތަށް ފާސްކުރުމާ އެކު މިއަދު ބޭއްވި ޖަލްސާގައި ކޮމިޓީން ބިލު ނިންމި ގޮތުގެ ރިޕޯޓު އިއްވައި ބިލު ވަނީ ފާސްކޮށްފަ އެވެ.
ބިލު ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ ބައި އިލެކްޝަން ބާއްވަން ޖެހެނީ ދައުރުގައި ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ގިނަ ދުވަސް އޮތް ނަމަ އެވެ. އެއަށް ވުރެ މުއްދަތު ކުރު ނަމަ އިންތިހާބު ބާއްވަން މަޖުބޫރެއް ނުކުރެ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހު ހުށަހަޅާފައި ވަނީ ލޯކަލް ކައުންސިލުތަކުގެ ދައުރުގެ ތެރޭގައި މެމްބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހި، އެކަމަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުންދާތީ ހިނގަމުންދާ ކައުންސިލުތަކުގެ އުމުރު ހަމަވާން ގާތްވެފައިވަނިކޮށް އިތުރު ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭ ގޮތް ހެދުމަށް ކަމަށް ބުނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ރައީސް ނުވަތަ މެމްބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެ ނޫން ހާލަތަކާ ހުރެ ގޮނޑި ހުސްވާ ހާލަތުގައި، ކައުންސިލުގެ ދައުރުގެ ބާކީ އޮންނަ މުއްދަތު 548 ދުވަހަށް ވުރެ ކުރު ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭނެ އެވެ.
ދޮޅު އަހަރުގެ މުއްދަތަކަށް ކައުންސިލުގެ މަގާމެއް ހުސްވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ފާހަގަކޮށް، ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރު މެއި މަހުގެ 17 ވަނަ ދުވަހަށެވެ. ބިލު ފާސްކުރުމާ އެކު މިހާރު ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރާކަށް ނުޖެހޭނެ އެވެ.
