ޚަބަރު

ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގައި އުޅުނު ސިފައިންނަށް ރައީސްގެ ޝުކުރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް، ޑިފެންސް މިނިސްޓަރާއި ސިފައިންނާއެކު / ފޮޓޯ:އެމްއެންޑީއެފް

ތެލެސީމިއާ ސެންޓަރު މާލޭގައި ހިންގަމުން ދިޔަ އިމާރާތުން ހުޅުމާލޭގައި ހުންނަ "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތްކުރި ސިފައިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވައިފި އެވެ.

Ads by STELCO

އެމަނިކުފާނު ސިފައިންނަށް ޝުކުރު އަދާކުރައްވާފައިވަނީ އެކަމަށް ޓަކައި އިއްޔެ ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި ޝައުގުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއް ކަމަށާއި ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމަށެވެ.

ރައީސް ވިދާޅުވީ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން ފެނިގެން ދިޔަ ކަމަށާއި އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކު ކަމަށެވެ.

ރަސްމިއްޔާތުގައި، ރައީސް ވަނީ ތެލެސީމިއާ ސެންޓަރު "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ސިފައިންނަށް އަރުވާފަ އެވެ.

އެމްއެންޑީއެފްގެ ފަރާތުން އެ ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. އަދި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނަށް ރައީސް ވަނީ އަގުވަޒަންކުރުމުގެ ލިޔުން ވަކިވަކިން ދެއްވާފަ އެވެ.

ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާ އަދި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވެލެއްވި އެވެ.