ނިލަންދޫއަށް އަންނަން ދައުވަތެއް: އެކަމަކު ރަތްމަންދޫ މީހުން ބޭނުންވަނީ މާލެ

ކުޑަކުޑަ މީސްކޮޅެއް ދިރިއުޅޭ މ. ރަތްމަންދޫގެ މީހުން ފ. ނިލަންދޫއަށް ބަދަލުވާން ނިލަންދޫއިން ދައުވަތު ދިން ނަމަވެސް ރަތްމަންދޫގެ މީހުން ބަދަލުވާން ބޭނުންވަނީ މާލެ ސަަަރަހައްދަށް ކަމަށް ރަތްމަންދޫއިން ބުންޏެެވެ.
ރަށުން އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރަތްމަންދޫގެ މީހުން އެެހެން ރަށަކަށް ބަދަލުވާން އެދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި އެއާއެކު މީގެ ހަތަރު މަހެއްހާ ދުވަސްކުރިން ނިލަންދޫ ކައުންސިލްއިން ވަނީ ރަތްމަންދޫއަށް ބަދަލުވާން ދައުވަތުދީ ސިޓީއެއް ފޮނުވާފަ އެވެ.
އާބަން ސެންޓަރެއްގެ ގޮތުގައި މި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ރަތްމަންދޫއަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބޭ ކަމަށާއި އަދި މި ހަފްތާ އަނެއްކާވެސް ދައުވަތުގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ރަތްމަންދޫ ކައުންސިިލްގެ ބޭފުޅަކު "ދެން"އަށް ވިދާޅުވީ ނިލަންދޫއިން ދައުވަތު ލިބުނު ނަމަވެސް އެ ރަށުގެ 100 ޕަސެންޓް މީހުން ބޭނުންވަނީ މާލެ ބަދަލުވާން ކަމަށެވެ.
އެގޮތުން ފޭސް ދޭއް ނޫނީ ތުލުސްދޫއަށް ބަދަލުވުމުގެ ވިސްނުން އެ ރަށުގެ މީހުން ގެންގުޅޭކަމަށް އޭނާ ވިދާޅުވި އެވެ.
"ނިލަންދޫއަށް ބަދަލުވިޔަސް ހަމަ މާލެ ދާން ޖެހޭނެ. އެއީ ހުރިހާ ހިދުމަތެއް ނުލިބޭނެ ނިލަންދޫއިނ" ކައުންސިލްގެ ބޭފުޅާ ވިދާޅުވި އެެވެ.
ރަތްމަންދޫގައި މި ވަގުތު ދިރިއުޅެނީ އެންމެ 86 މީހުން ނެވެ. ސުްކޫލުގައި ކިޔަވަނީ އެންމެ ހަ ދަރިވަރުން ނެވެ.