ޚަބަރު

ގަހެއްގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި ޑްރައިވަރު ފިލާފައެއް ނުވޭ: ފުލުހުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގަހެއްގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ގްރެބެއް / ވީޑިއޯ:އެމްވީކްރައިސިސް

މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވި ޑްރައިވަރު އެ ސަރަހައްދު ދޫކޮށް ފިލާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ ގަހުގައި ޖެހިފައި އޮތް ރަތް ކުލައިގެ ކާރަށް މީހަކު އަރާ މަންޒަރެވެ. އެއަށް ފަހު އެ ސަރަހައްދު ދޫކޮށް ކާރުގައި ދުއްވާފައިދެ އެވެ. މަގުމަތީގައި ގަހުގެ ގޮފިގަނޑެއް ވެއްޓިފައި އޮތްއިރު މީހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކްސިޑެންޓުވި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:38 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

"އެކްސިޑެންޓަށް ފަހު ޑްރައިވަރު ފިލާފައި ނުވޭ. ކައިރި ހިސާބެއްގައި ކާރު ޕާކު ކުރުމަށް ފަހު ޑްރައިވަރު ވަނީ ސީނަށް އެނބުރި އައިސްފައި،" މެސެޖުގައިވެ އެވެ.

ފުލުހުން ދަނީ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!