ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރާނެ 3 ރަށެއް ކަނޑައަޅައިފި

ގައުމީ ފެންވަރުގައި މި އަހަރުގެ އަޝްހާ އީދު ފާހަގަކުރާނެ 3 ރަށެއް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަދުގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓާ މުހައްމަދު އައްބާސް ވިދާޅުވީ މިފަހަރުގެ އީދުގެ ހަރަކާތްތައް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވިފައިވާ ރަށްތަކަކީ ހއ ކެލާ, ކ. ގުރައިދޫ އަދި ލ. ގަން ކަމަށެވެ.
އެ 3 ރަށް ކަނޑައަޅާފައިވަނީ މިނިސްޓްރީން އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިންނެވެ.
އެ ތިން ރަށުންވެސް ރާވައި ހިންގައި ހަރަކާތްތައް ވުޒާރާއިން ވިލަރެސްކުރަމުން އަންނަ ކަމުގައި އައްބާސް ވިދާޅުވި އެވެ.
''އީދު ފާހަގަކުރުމުގައި އިހުގެ ގޮތްތަކަށް އިޔާދަ ވުމަށް, ސަގާފީ އާދަތަކާއި ކުޅިވަރުތަކަށް އިސްކަން ދިނުމަށް ވުޒާރާއިން ހިތްވަރުދެން. އެކަމަށް ކައުންސިލްތަކުން ވެސް އެއްބާރުލުން ދޭކަން އުފަލާ އެކު ފާހަގަކުރަން. އެގޮތުން އިހުގެ ފޯރިގަދަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ, މަންޑި, ތިން މުގޯލި ފަދަ ކުޅިވަރުތައް މި އީދުގައި މި ތިން ރަށުންވެސް ފެންނާނެ." އައްބާސް ވިދާޅުވި އެވެ.
އަދި ސްޓޭޖް ޝޯތަކުގައި ވެސް މިޔުޒިކްގެ ބަދަލުގައި ލަނގިރި, ބަނޑިޔާ ފަދަ ހަރަކާތްތަކަށް އިސްކަން ދީގެން ޕްރޮގްރާމް އެކުލަވާލުމަށް ކައުންސިލްތަކާ ވާހަކަދައްކަމުންދާ އައްބާސް ވިދާޅުވި އެވެ.
މައިދާނީ ކުޅިވަރުތަކަށް ވެސް ޖާގަ ދިނުމުގެ ގޮތުން ބައިބަލާ އަދި ފައިގަތަޅާ ފަދަ ކުޅިވަރުތައް ލ. ގަމުގައި ރާވައި, މިހާރު ފަރިތަ ކުރުންތައް ވެސް ފޯރިއާ އެކު ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ރަށް އީދަށް ދިއްލާ ޒީނަތްތެރިކުރުމާއި, މެހެމާނުންނަށް މަރުހަބާ ކިޔަން ގިޑިގެތައް ތައްޔާރުކުރުމާއި, ސަގާފީ ކެއުންތަކުގެ ތައްޔާރީތަކަކީ ވެސް މިހާރު ވަރަށް ފޯރިއާ އެކު ކުރިއަށްގެންދާ ހަރަކާތްތައް ކަމުގައި މިނިސްޓްރީން ބުންޏެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޝްހާ އީދު ދުވަހަކީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ.
