ޚަބަރު

ޑިންގީއެއްގައި ލޯންޗަކުން ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކެއްގެ ހާލު ސީރިއަސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ލޯންޗުން ޖެހުނު ޑިންގީ: ފުލުހުން ބުނީ އެކްސިޑެންޓުގައި ޑިންގީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް / ފޮޓޯ:ޕޮލިސް މީޑިއާ ގްރޫޕް

ޅ. އަތޮޅު ގާއެރިފަޅު ކައިރިއަށް ރޭ މެންދަމު ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ ރޭ 12.33 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމުގަ އެވެ. އެކްސިޑެންޓުގައި އަނިޔާވި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance