ބަންދަށް ލުއި ހޯދަން ހުށަހެޅުމުގެ ފުރުސަތު ވާނުވާގައި ތިބި މީހުންނަށް ހުޅުވާލައިފި

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ހައްލުުކުރުމުގެ ގޮތުން އެ މީހުންގެ ބަންދަށް ލުއި ހޯދަން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު މި އޮފީހަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުނަ ބުނީ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" ހުށަހަޅައިގެން އެކަމަށް އެދެވޭނެ ކަމަށެވެ.
"މި އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން މި އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމަށް އެދޭ ފޯމު، މިހާރު މި އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ." ޕީޖީ އޮފީހުން ބުންޏެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން އެ ފޯމު ލިބުމުގެ އިންތިޒާމުވެސް ހަމަޖައްސާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ވާނުވާގައި ތިބި މީހުންގެ ތެރެއިން ބަންދަށް ލުއި ދޭނީ އެ މީހަކު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތްތޯ ބަލަން ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން އެސެސްމަންޓެއް ހަދައި ޕީޖީ އޮފީހަށް ހުށަހެޅުމުން ނެވެ. އަދި އެއާއެކު ބަންދު މުރާޖާކުރަނަ ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު މި އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށްގެންދެވޭނެއެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނަމެވެ." ޕީޖީ އޮފީހުން ބުންޏެވެ.
