ޚަބަރު

ވައިގެ މަގުން އެތެރެކުރަން އުޅުނު 7.2 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ވަނީ 3.6 ކިލޯގެ މެތަމްފެޓަމައިން އަތުލައިގެންފައި / ފޮޓޯ:ދެން އިމޭޖްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 7.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އަތުލައިގެންފި އެވެ.

Ads by STELCO

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ ވައިގެ މަގުން އެތެރެކުރި ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ޝިޕްމަންޓް ބަލައި ފާސްކުރުމަށް ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން (މެތު) އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމްލަ 3.6 ކިލޯ ހުރި ކަމުގަ އެވެ. މަގުމަތީ އަގުން ނަމަ އެއީ 7.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތިކަން ފާހަގަކޮށްފައިވެ އެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަން އަތުލައިގަތް ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.