ޚަބަރު

ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުމަށް ހަލީލް އިންޑިއާއަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ހަލީލް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ އެކު / ފޮޓޯ:ފޮރިން މިނިސްޓްރީ

ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

Ads by MPL

ހައިލެވެލް ކޯ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވުރު ތަންފީޒު ކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަން އެކުލަވާލި ގްރޫޕެކެވެ.

'އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް' ގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރުމަށް ބޭއްވުނު ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރާއްޖޭގަ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ހަލީލު މިއަދު އެ ގައުމަށް ވަޑައިގަންނަވާނެ އެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުގައި ފޮރިން މިނިސްޓަރު ހަލީލް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމުގަ އެވެ. އެގޮތުން އިގުތިސޯދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ފޮރިން މިނިސްޓަރުގެ ދަތުރުގައި ރައީސް އޮފީހާއި ފޮރިން އެފެއާޒް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!