ސިވިލް ސާވިސްއިން އޭޖީ އޮފީސް ވަކިކުރާ ބިލު ތަސްދީގުކޮށްފި

"ބަންޑާރަ ނައިބު"ގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާާރުގެ ވަކި އޮފީހެއް ގާއިމުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ބަންޑާރަނައިބުގެ އޮފީހުގެ ބިލު" މިއަދު ތަސްދީގުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން، ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ ބިލު މަޖިލީހުން މި ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން މިއަދު ބުނި އެ ބިލު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.
އެ ބިލު ތަސްދީގުކޮށް އާ ގާނޫނު މިއަދު ގެޒެޓްވެސް ކޮށްފައިވާ އިރު އެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 90 ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
އެ ގާނޫނުގައިވާ ގޮތުން ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ އެވެ.
އަދި އާ ގާނޫނާއެކު ބަންޑާރަ ނައިބުކަމުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނ،ީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
