ޚަބަރު

ނިމުނީ 1000 ފްލެޓް, ސެޕްޓެމްބަރަށް ހުރިހާ ފްލެޓްތައް ނިންމޭތޯ ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓްތަކުގެ ތެރެއިން ހުރިހާ ފްލެޓެއް އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް  ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން 2023 ވަނަ އަހަރު ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓްތައް ދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް ނިމިފައިވަނީ އެންމެ 1000 ފްލެޓެވެ. އެ 1000 ފްލެޓަށް ފެނާއި ނަރުދަމާ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ އިރު ޖުލައި މަހަށް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އުއްމީދުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިންމާ އަދި ސެޕްޓެމްބަރުގެ ނިޔަލަށް 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާ މި ދެންނެވި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނިންްމުމަށް" މިނިސްޓަރު ވިދާޅުވި އެވެ.

އޭސީސީން ދިން އިރުޝާދާ އެއްގޮތަށް މި ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ފްލެޓް ލިސްޓުގައިވާ ގޮތުން ކުރީ ސަރުކާރުގެ ލިސްޓުގައި ތިބި 4000 މީހުންގެ ތެރެއިން ޝަރުތު ހަމަވީ އެންމެ 1،820 މީހުންނެވެ.

Ads by HDC