"ކަނބުލޮ" ވެސް ގެވެށި އަނިޔާގެ މައްޗަށް؛ ހަގީގީ ވާހަކައެއް

ދިވެހި ފިލްމު "ކަނބުލޮ" ލޯންޗު ކޮށްފި އެވެ.
ފިލްމާމެދު
މިއީ، ދިވެހި މުޖުތަމައުގައި ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މި ފިލްމުގައި ބުނެދެނީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ މީހުންގެ ފަރާތުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވުމެވެ.
މުޖުތަމައުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކެވެ. އެކުދިންނަށް، ކުޑައިރުގައި އެ ލިބުނު އަނިޔާތަކުގެ ސަބަބުން ޒަވާޖީ ހަޔާތަށް ކުރާ އަސަރުތަކެވެ. ނުފޫޒުގަދަ މީހުން އަދުލުއިންސާފުގެ މައްޗަށް އަތްގަދަކުރާގޮތެވެ. ނިކަމެތި ކުދިންނަށް ކުރި ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްޗަށް އިންސާފު ހޯދަން އަނިޔާ ލިބުން ކުއްޖާ ކުރި ހިތްވަރުގަދަ މަސައްކަތެވެ.
މިއީ އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ ތަފާތު އެތައް ޖަޒުބާތުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި މުޖުތަމައުގެ ކޮންމެ މަންމައަކާއި ބައްޕައެއްވެސް ބަލާލަން ރަނގަޅު ފިލްމެކެވެ.
ފިލްމުގެ ޓީމު
މި ފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަން ސްޓޫޑިއޯ އިންނެވެ.
ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.
ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
ޔަޝްފާ އަބްދުލް ޣަނީގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ.
ޔަޝްފާ އަބްދުލް ޣަނީގެ މި ވާހަކަ އަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު ވާހަކަ އެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
2024 ވަނަ އަހަރު ނެރުނު ކަމަނާގެ ޑައިރެކްޓަރަކީވެސް ހުސެން މުނައްވަރު އެވެ.
