ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި

މާލެ ސަރަހައްދަށް ދިމާވި ކަރަންޓު މައްސަލައަށް ތިން ގަޑިއިރުވާން ކައިރިވެފައިވަނިކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި އެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ހުޅުލެއިން ކަރަންޓު ކެނޑުނީ މެންދުރު 12:40 ހާއިރު އެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.
ކަމުގެ އަޕްޑޭޓެއް ހިއްސާކޮށް މެންދުރުފަހު 1:26 ގައި ސްޓެލްކޯއިން ބުނެފައި ވަނީ ގްރޭޓާ މާލެ ގްރިޑް އަލުން އެނަޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޗެކްއަޕްތައް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އެ ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެ އާއި ހުޅުމާލޭގެ ޖަނަރޭޓަރު ސެޓުތައް އެނަޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާނެކަން ފާހަގަކުރި އެވެ.
އާންމުންގެ ކަންބޮޑުވުންތައް ބޮޑުވެފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވާފަ އެވެ. "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.
ރައީސް އެހެން ވިދާޅުވި ފަހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް އެ ހިދުމަތުން ފަށާފައިވާކަން ހާމަކޮށްފަ އެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށާއި ހިދުމަތް ނުދެވި ހުރި ސަރަހައްދުތަކަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވީއައިއޭއިން ވެސް ކަރަންޓު ކެނޑުނުއިރު، އެ އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލުން ވަނީ މައްސަލައިގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫނާރާ ކަމަށް ބުނެފަ އެވެ.
މެންދުރުފަހު 2 ޖެހިފަހުން ސްޓެލްކޯއިން ބުނީ މާލެ އާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމުގަ އެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލަ އާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުންނާއި ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް މެދުކެނޑުނު ނަމަވެސް ބެކްއަޕް ކަރަންޓު ބޭނުންކޮށް، ވަގުތުން ކަރަންޓު ބޭނުންވާ ތަންތަނަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ. ކްރިޓިކަލް ހިދުމަތްދޭ ހުރިހާ ތާކަށް ކަރަންޓު ދެމުން އަންނަ ކަމަށާ އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ބެކްއަޕް ކަރަންޓު މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭން ފެށި ކަމަށެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން އާންމު ގިނަ ހިދުމަތްތަކަކަށް ބުރޫއެރި އެވެ. ބަހާއި ފެރީގެ ހިދުމަތުގެ ޓިކެޓު ނެގުމަށް ބުރޫއެރުމާ ގުޅިގެން އެމްޓީސީސީން ވަނީ އެ އިންތިޒާމު ހަމަޖެހެންދެން ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސާފަ އެވެ.
ކަރަންޓުގެ ހިދުމަތް ނުދެވި ގިނައިރު ހޭދަވާ ނަމަ މޯބައިލް ބްރޯޑްބޭންޑުގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމުގެ ކަންބޮޑުވުމުން މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނިތަކުން ފާޅުކޮށްފައިވެ އެވެ.
ކަރަންޓުގެ ކެނޑުމުން އޮފީސްތަކުގެ މަސައްކަތް ހުއްޓި ގިނަ މުވައްޒަފުން މަގުތަކަށް ނިކުތެވެ. އަދި އެ މައްސަލަ އާއެކު އިމާރާތްތަކުގެ ލިފްޓުތަކުގައި މީހުން ތާށިވުމާ ގުޅިގެން މީހުން ސަލާމަތް ކުރުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
ކަރަންޓުގެ ކެނޑުނު މައްސަލަ އާ ގުޅިގެން މެންދުރު ދަންފަޅީގެ ކިޔެވުން ނުބާއްވާ ގޮތަށް ހަމަޖައްސައި ދަރިވަރުން ވަނީ ގެޔަށް ފޮނުވާލާފަ އެވެ.
