ޚަބަރު

ސްކޭމްތަކުން ގެއްލުނު ދޮޅު ލައްކައެއްހާ ރުފިޔާ ހޯދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ ވެހިކަލްތަކެއް / ފޮޓޯ:ދެން އިމޭޖްސް

ފާއިތުވި ހަފްތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން ދޮޅު ލައްކައެއްހާ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފި އެވެ.

Ads by STELCO

އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ 18 އިން 30އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 899,348.43 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 147,132.00ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ ސްކޭމްތަކުގެ ތެރެއިން އަށް މައްސަލައިގައި ޖުމުލަ ގެއްލުނު ފައިސާ އަނބުރާ ހޯދައި ތިން މައްސަލައެއްގައި އެކިމިންވަރަށް އަނބުރާ ފައިސާ ހޯދުނު ކަމަށެވެ.

ރިޕޯޓްކުރެވުނު ސްކޭމްގެ ބާވަތްތައް:

  • އީ-ކޮމާސްގެ - 25 މައްސަލަ
  • ބޭރު ފައިސާ މާރުކުރުމުގެ - 10 މައްސަލަ
  • ވިޝިންގ ސްކޭމް (ފޯނުން ގުޅައިގެން) - 4 މައްސަލަ
  • ފިޝިންގ ލިންކް ބޭނުންކޮށްގެން - 2 މައްސަލަ
  • އެހެނިހެން - 3 މައްސަލަ

ސްކޭމްކުރަން ބޭނުންކޮށްފައިވާ މައިގަނޑު ވަސީލަތްތައް:

  • ފޭސްބުކް މާކެޓްޕްލޭސް - 18 މައްސަލަ
  • ވައިބަރ - 11 މައްސަލަ
  • ފޯންކޯލް - 4 މައްސަލަ
  • އައިބޭ - 4 މައްސަލަ
  • އެހެނިހެން ޕްލެޓްފޯމްތައް - 7 މައްސަލަ

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމާއި އޯޓީޕީ އަދި ޒާތީ މައުލޫމާތު ހިއްސާނުކުރުމާއި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުން އަދި ވިޔަފާރި ނުވަތަ ފައިސާމާރުކުރުމުގައި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads by HDC