މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުމާ ގުޅިގެން އާންމު ދިރިއުޅުމަށް ދަތިވެ، ވިޔަފާރިތަކާއި ހޮސްޕިޓަލުތަކުގެ ހިންގުން ހުއްޓުމަށް އައިސްފައިވުމުން އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ރައްޔިތުންގެ މަޖިލިހުން ބޭރުކޮށްލައިފި އެވެ.
މާލެ އާއި ހުޅުމާލެ އަދި ވީއައިއޭ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ އިއްޔެ މެންދުރު 12:35 ހާއިރު އެވެ. މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ހިދުމަތް އަލުން ދެވޭވަރު ވެފައި ވަނީ އޭގެ ފަސް ގަޑިއިރު ފަހުން އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ.
ޝަމްހީދު އެ މައްސަލަ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ ކަރަންޓު ކެނޑުމާ ގުޅިގެން އާންމު ދިރިއުޅުމަށް ދަތިވެ، ވިޔަފާރިތަކާއި ހޮސްޕިޓަލުތަކުގެ ހިންގުން ހުއްޓުމަކަށް އައި ކަމަށެވެ. އެގޮތަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިއުމަކީ މީގެކުރިން ދުވަހަކު ވެސް ހިނގާފައި ނުވާ ކަމެއް ކަމުގައި ފާހަގަކުރި އެވެ.
މާލެ އާއި ގްރޭޓާ މާލެ ފަދަ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ތަންތަނުގައި މިފަދަ ކަންކަން ހިނގުމަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވާނެ ކަމެއް ކަމަށާ އަދި އެކަމުގެ ސަބަބުން އެހެނިހެން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މައްސަލައިގައި ބުނި ގޮތުގައި ކަރަންޓުގެ ކެނޑުމަކީ ވިޔަފާރިތައް ކުއްލިއަކަށް ހުއްޓުމަކަށް އައިސް އެ ތަންތަނުގެ ހިދުމަތް އާންމުންނަށް ލިބުމަށް ހުރަސް އެޅޭނެ ކަމަކަށް ވުމުގެ އިތުރުން ވިޔަފާރިތަކަށް މާލީ ގޮތުން ގެއްލުންވާނެ ކަމެއް ކަމުގަ އެވެ.
އޭގެ އިތުރުން ހޮސްޕިޓަލުތަކުން ކަރަންޓު ކެނޑިގެން ދިއުމަކީ އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނާނެ ކަމެއް ކަމަށާއި ފަރުވާ ހޯދާ މީހުންގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ދިއުމަށް މެދުވެރިވެދާނެ ފަދަ ކަމެއް ކަމުގަ އެވެ. އަދި އެ ތަންތަނުގައި ބޭނުންކުރާ އަގުބޮޑެތި މެޑިކަލް އިކުއިޕްމަންޓުތަކަށް ގެއްލުންވެ، އިއާދަނުކުރެވޭ ވަރުގެ ބޮޑު ކަމަކަށް ވެދާނެ ކަމެއް ކަމުގަ އެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން ވީއައިއޭގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސް ފްލައިޓުތަކަށް ހިދުމަތް ނުދެވި އެތައް ޓޫރިސްޓުންނެއްގެ ދަތުރުފަތުރަށް ބުރޫއެރި ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.
ޝަމްހީދުގެ ކުއްލި މައްސަލައިގައި ވަނީ ކަރަންޓު ކެނޑުނު މައްސަލަ އާ ބެހޭ ގޮތުން މަޖިލިހުގައި ބަހުސްކޮށް ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް އެދިފަ އެވެ.
މަޖިލިހަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީގެ އަށް މެމްބަރުންނާ އެކު ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގެވެ. ގަރާރު ބަލައިގަތުމާ ދެކޮޅަށް 43 މެމްބަރަކު ވޯޓު ދިނެވެ.
ގިނައިރުތަކަކަށް ކަރަންޓު ކެނޑެން މެދުވެރިވީ ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. އެ ކުންފުނިން ވަނީ މައްސަލަ އާ ގުޅިގެން އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގަވާފަ އެވެ.
