އީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދޭނެ

ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައި ވެސް ޕާސްޕޯޓާ ގުޅުންހުރި ހިދުމަތްތައް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ވާނެ އެވެ.
ބަންދާ ގުޅިގެން އެ އިދާރާއިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ހާމަކޮށް އިމިގްރޭޝަނުން މިއަދު ވަނީ "އެކްސް" ގައި ޕޯސްޓެއް ކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަޟްހާ އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓު ނެގުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 2 ޖެހުމާ ހަމައަށް ކަމަށެވެ. މި ހިދުމަތް ދޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުން ކަމުގައި ފާހަގަކުރި އެވެ.
އީދު ބަންދުގައި ވިސާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީ ފަރާތްތަކަށް އެކަންޏެވެ. ރާއްޖެއަށް އަންނަ ފަރާތްތަކަށް އެ ދުވަސްތަކުގައި "އިމުގާ" ޕޯޓަލް މެދުވެރިކޮށް "ސްޕޮންސަޝިޕް ޑެކްލަރޭޝަން" އަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
އެ އިދާރާއިން ބުނި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުގެ ހިދުމަތް ހައްޖު ދުވަހާއި އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8 އިން ހަވީރު 4 އަށް ދޭނެ ކަމުގަ އެވެ.
އޭގެ އިތުރުން މާލޭގެ ސީޕޯޓު ޑިވިޝަނުގެ ހިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ލިބޭނެ ކަމުގަ އެވެ. އެ ހިދުމަތް ދޭނީ ހެނދުނު 8 އިން ރޭގަނޑު 10 ޖެހުމާ ހަމައަށެވެ. ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 2:30 އިން ރޭގަނޑު 10 އަށް ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
