އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސަކަށް ރާއްޖެ އިންތިހާބުވެއްޖެ

އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސަކަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ ނައިބު ރައީސުންގެ ގޮތުގައި ރާއްޖެ ހިމެނޭހެން 17 ގައުމެއް އިންތިހާބުކުރި އެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރު ގައުމު ވެސް ނައިބު ރައީސުންގެ ތެރޭގައި ހިމެނޭނެ އެވެ.
ރާއްޖޭގެ އިތުރުން އިންތިހާބުކުރި ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކުން އެންޑޯރާއާއި މޮންޓްނީގްރޯ ހިމެނެ އެވެ. އެމެރިކާ ބައްރުގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އާޖެންޓީނާ، ސެއިންޓް ކިޓްސް، ވެނެޒުއުލާ އެވެ. އޭޝިއާއިން ހިމެނެނީ ރާއްޖެ، ބަންގްލަދޭޝް، ސައުދީ އަރަބިއްޔާ، ޓީމޯ ލެސްޓް އެވެ.
އެންމެ ގިނައީ އެފްރިކާގެ ގައުމުތަކެވެ. އެއީ ކޭޕް ވާޑް، ޑީއާރް ކޮންގޯ، ކެންޔާ، ލުބުނާން، ލެސޯތޯ، ސެނެގަލް، ޓިއުނީޝިއާ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނަކީ ޗައިނާ، ރަޝިއާ، ފްރާންސް، އިނގިރޭސިވިލާތު އަދި އެމެރިކާ އެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނަކީ ބައިވެރިންނާއެކު ކާމިޔާބު ސެޝަނަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
