ޚަބަރު

ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް ހުޅުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ގާއިމުކޮށްފައިވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް ހުޅުވަނީ / ފޮޓޯ:އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖޭގައި ގާއިމުކޮށްފައިވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް ހުޅުވައިފި އެވެ.

Ads by STELCO

އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަނީ ހޮޓެލް ޖެންގަ އެވެ. އިއްޔެ ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

ހައި ކޮމިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެ ރަސްމިއްޔާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް 50 އަހަރުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމު މަރުހަލާއެއް ކަމަށެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދުގައި އުފެދިފައި ވަނީ ތާރީހީ އަދި އިތުބާރުހުރި ގުޅުމެއް ކަމުގައި ފާހަގަކުރައްވައި އޮސްޓްރޭލިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމުގެ ތެރޭގައި މަތީ ތައުލީމާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ސިއްހީ ދާއިރާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ހާއްސަކޮށް އޮސްޓްރޭލިއަން އެވޯޑްސް ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ދިވެހިންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމިއްޔާތުގައި ހަމައެކަނި އިމާރާތެއް ހުޅުވުނީ ނޫން ކަމަށާއި މިއީ ރާއްޖެ އާ ދޭތެރޭ އޮސްޓްރޭލިއާއިން ދެއްކި އިތުބާރާއި ވަރުގަދަ ގުޅުމުގެ ނިޝާނެއް ކަމަށެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްގީ ގެނެސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް އަދި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

Ads by Allied Insurance