އީދު ފޯރި 1446: ރީތި ލަވަތަކުގެ އަޑު ގުގުމަން ފަށައިފި

އަންނަ ހުކުރު ދުވަހު ފެށޭ 1446 ވަނަ އަހަރުގެ އަޟްހާ އީދުގެ ފޯރި މުޅި ރާއްޖޭގައި ފެށިއްޖެ އެވެ.
އަޟްހާ އީދު ނުވަތަ ބޮޑު އީދަކީ ކޮންމެ އަހަރަކުވެސް ދިވެހިން އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ މުނާސަބެވެ. ކޮންމެ އީދަކާ ދިމާކޮށް އެކި ރަށްރަށުންނާއި ބޮޑުބެރު ގްރޫޕުތަކުން އަދި ނަށާ ގްރޫޕުތަކުންވެސް ހިތްގައިމު ފޯރިގަދަ ލަވަތައް ނެރެ އެވެ. މިދިޔަ 1445 ވަނަ އަހަރުގެ އަޟްހާ އީދުގައި އެންމެ ފާހަގަކޮށްލެވުނީ ކަމަދޫ އީދު ލަވައާއި ހިޔަލަ ގްރޫޕުގެ ކޯޑި ލަވަ އެވެ.
ކޮންމެ އަހަރަކުވެސް އީދަށް ނެރޭ އާ ލަވަތަށް ރަށްރަށުގެ ކުޅިވަރު މައިދާން ތަކާއި ސްޓޭޖު ޝޯތަކުގައިވެސް އަޑު އިވެ އެވެ. ރަށު ގްރޫޕުތަކާއި މާލެއިން ޝޯ ހުށަހަޅައިދޭން ދާ ގްރޫޕުތަކުންވެސް މި ލަވަތަކަށް ޕާފޯމް ކުރެ އެވެ.
މިއަހަރުވެސް މިވަނީ އީދު ލަވަތައް ރިލީޒް ކުރަން ފަށައިފަ އެވެ. މިހާތަނަށް އައިއިރު ފޯރިގަދަ ތިން ލަވައެއް މިވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
ބިދަބިން ގްރޫޕުގެ "އީދު ފޯރި"
ރާއްޖޭގެ ބޮޑުބެރު ގްރޫޕުތަކުގެ ތެރެއިން އެންމެ ފުރަތަމަ އީދު ލަވައެއް މިފަހަރު މި ރިލީޒްކުރީ ބިދަބިން ގްރޫޕުންނެވެ. މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) ގެ ބަސްތަކަކަށް އަތުރާލާފައިވާ މި ލަވައިގެ މިޔުޒިކް ހަދާފައިވަނީ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެގެ) ޓޮނިކް ލައިވް ސްޓޫޑިއޯ އިންނެވެ. ލަވަ ހުށަހަޅާދީފައިވަނީ ބިދަބިން ގްރޫޕުގެ މުހައްމަދު މަޒީން އާއި އަހުމަދު ހުޒާމް އެވެ. މިއީ އަމިއްލަ ރާގުގެ ލަވަ އެކެވެ.
ލަވައިގެ މަންޒަރުތައް ނަގާދީފައިވަނީ ވިޝާލް ޒަކީ، މާސްކޭ އަދި މުއްތު އެވެ. އަތޮޅުތެރޭގެ ރަށެއްގައި ނަގާފައިވާ މިލަވައިން ފެންނަ ހުރިހާ އަންހެން ނެށުންތެރިންނަކީ ވެސް "ފަރިފަރި ބައި ބިދަބިން" ގެ ނެށުންތެރިންނެވެ. މިލަވައިގައި ކިޔައިދެނީ އީދާއި ގުޅިގެން ރަށްރަށުގައި އޮންނަ ފެން ޖެހުމާއި ކުލަ ޖެހުމުގެ އިތުރުން މޫދަށް ލުމުގެ ސަގާފަތުގެ ވާހަކަ އެވެ.
މީގެ އިތުރުން އީދު ކުޅިވަރުތަކާއި ދިވެހިންގެ ތެރޭގައި އޮންނަ އެހެނިހެން އީދު ސަގާފަތްތަކުގެ ވާހަކަވެސް މިލަވައިގައި ކިޔައިދެ އެވެ.
ހިންނަވަރު "ޖޯޝޭ މީ"
ރަށްރަށުން ނެރޭ އީދު ލަވަތަކުގެ ތެރެއިން މިއަހަރު ފާހަގަކޮށްލެވުނު އެއް ލަވައަކީ ޅ. ހިންނަވަރު ގާހަކަ ރިޓާންސް ކްލަބުން ނެރުނު "ޖޯޝޭ މީ" ލަވަ އެވެ. މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި ބޮޑީ އަލީގެ ބަސްތަކަކަށް މި ދެ ފަންނާނުން ކިޔާފައިވާ މިލަވައިގެ މިޔުޒިކް ހަދާފައިވަނީ ޝާޒް އަލީ އެވެ. މިއީ އަމިއްލަ ރާގުގެ ލަވަ އެކެވެ.
މިލަވައިގައި ކިޔައިދެނީ ހިންނަވަރުގައި މިއަހަރު އޮންނާނެ ބައެއް ކުޅިވަރުތަކާއި އީދު ސަގާފަތްތަކުގެ ވާހަކަ އެވެ. މީގެ އިތުރުން އީދުގެ އުފާވެރިކަމުގެ ވާހަކަވެސް މި ލަވައިގައި ކިޔައިދެ އެވެ.
ލަވައިގައި ފެނިގެން ދަނީ ހިންނަވަރު ކުދިންތަކެއްގެ ހުށަހެޅުމެކެވެ. އަދި ލަވައިގެ މަންޒަރުތައް ނަގާފައިވަނީވެސް އެރަށުގެ އެކި މަންޒިލްތަކުގަ އެވެ. މިލަވަ ޑައިރެކްޓު ކޮށްފައިވަނީ އަމަން އެވެ.
ކަމަދޫ އީދު ލަވަ
ނިމިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް އެންމެ ހިތްގައިމު އެއް ލަވަޔަކީ ކަމަދޫ އީދު ލަވަ އެވެ. މުހައްމަދު ޝަމީމްގެ ޅެމަކަށް އަތުރާލާފައިވާ މި ލަވަ ކިޔާދީފައިވަނީ މަރިޔަމް އަޝްފާ އަދި ކުޑަ އިއްބެ އެވެ. ލަވަ ޑައިރެކްޓު ކޮށްފައިވަނީ ހަސަން ޒަރީރު އެވެ. މިއީ ދިވެހި އަމިއްލަ ރާގުގެ އުފެއްދުމެކެވެ. މަންޒަރުތައް ނަގާފައިވަނީ ނެނީ އަދި ހުމައިދެވެ.
މިއަހަރު ކަމަދޫގެ އީދު ކަވަރޭޖު ގެނަސްދެނީ ރާއްޖެ ޓީވީންނެވެ. ނިމިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެރަށުގައި ފޯރިގަދަ ކުޅިވަރުތަކެއް އޮންނާނެކަން ވަނީ ހާމަކޮށްފަ އެވެ.
ކަމަދޫގެ ހިތްގައިމު މަންޒިލްތަކުގައި މަންޒަރުތައް ނަގާފައިވާ އީދު ލަވައިން މިއަހަރުވެސް ފެންނަނީ ކަމަދޫ ނަށާ ގްރޫޕުގެ ކުދިންނެވެ. މިދިޔަ އަހަރު ކަމަދޫ ލަވައިން މުޅި ރާއްޖޭގައި މަގްބޫލުކަން ހޯދި ޒާރާ މިއަހަރުގެ ލަވަޔަކުން ނުފެނެ އެވެ. ދިވެހިވަންތަ ހެދުންތަކުގައި ނެށުމުގެ ފަރި ހަރަކާތްތަކެއް ލަވައިގައި ދައްކައިދެނީ މިދިޔަ އަހަރުވެސް ފެނުނު ބައެއް ކުދިންނާއިއެކު އެރަށުގެ އާ ކުދިންނެވެ.
މިއަހަރުވެސް އެންމެ ހިތްގައިމު އެއް ލަވައިގެ ގޮތުގައި ކަމަދޫ ލަވަ ފާހަގަކޮށްލެވެ އެވެ. އެހެންނަމަވެސް އަދި ނިކުންނަން ފޯރިގަދަ ދެ ލަވައެއް އެބަ އޮތެވެ. އެންމެ އިންތިޒާރު ކުރެވެނީވެސް މި ދެ ލަވަ އަށެވެ. އެއީ ބަތަލާ މަރިޔަމް އައްޒަ ފެނިގެންދާ އެކަތި ބޮޑުބެރު ކްރޫޕުގެ "އީދު ގޮމަ" ލަަވައިގެ އިތުރުން މަރިޔަމް ޝިފާ ފެންނާނެ ހިޔަލަ ގްރޫޕުގެ "އީދު ބޯމަތި ވަނީ" އެވެ.
މިއަހަރު އެންމެ ބާރަށް ގުގުމާނެ ދެ ލަވައިގެ ގޮތުގައިވެސް ފާހަގަވަނީ މި ދެ ލަވަ އެވެ. މީގެ އިތުރުންވެސް މިއަހަރު ބޮޑު އީދާއި ދިމާކޮށް ބައެއް އެހެން ލަވަތަށް ނިކުންނާނެ އެވެ.
އެކްސްޓްރީމް ޑާންސް ގްރޫޕުގެ "ނުހުރެ ނަށާ" މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. މިއީ ހިންދީ ލަވައެއްގެ ރާގު ނަކަލުކޮށްގެން ހަދާފައިވާ ލަވަ އެކެވެ.
އީދުގެ މުނާސަބަތާއި ދިމާކޮށް ނެރުނު ބައެއް ލަވަތަށް އަދިވެސް ފަނޑުނުވެ އެބަ ހުއްޓެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި ޓީވީއެމްއިން ނުވަދިހައިގެ އަހަރުތަކުގައި ގެނަސްދިން "އީދު އައީ ހިނިތުންވަމުން" މިއީ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ އެވެ. މީގެ އިތުރުން މަރިޔަމް އުނޫޝާގެ "ތެމުނަސް ހެވޭ"، ހިޔަލައިގެ "ކޯޑި"، ނާޝިދާގެ އަޑުން ކިޔާދީފައިވާ "އީދޭ މީބަލަ" ފާހަގަކޮށްލެވެ އެވެ.
