މުނިފޫހިފިލުވުން ދިވެހި ސިނަމާ

"އަބަދަށް" ގެ ކާމިޔާބީއަށްފަހު ޝާރިފްގެ އިތުރު ފިލްމެއް އޮލިމްޕަހަށް، މިފަހަރު "ލޯބިން...؟"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލޯބިންގެ ފަސްޓްލުކްގެ މަންޒަރުތަކެއް

ނިމިދިޔަ އޭޕްރީލް މަހު އޮލިމްޕަސް ސިނަމާގައި އެޅުވި މޫމިން ފުއާދުގެ ފިލްމު "އަބަދަށް" ގެ ބޮޑު ކާމިޔާބީއަށްފަހު އެފިލްމުގެ ލީޑު ތަރި އަހުމަދު ޝާރިފްގެ އިތުރު ފިލްމެއް އޮލިމްޕަހަށް އަންނަން ތައްޔާރުވެއްޖެ އެވެ.

Ads by STELCO

މިއަދު ފަސްޓް ލުކް ވީޑިއޯ ދައްކާލާފައިވަނީ ޝާރިފްގެ އިތުރުން ތާތި އާދަމް، އަހުމަދު އިފްނާޒް އަދި ނުޒުހަތު ޝުއައިބު ލީޑް ރޯލުން ފެންނަ ފިލްމު "ލޯބިން...؟" ގެ އެވެ. މިއީ ކުޅަދާނަ ޑައިރެކްޓަރު އިލިޔާސް ވަހީދު ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

އާންމުކުރި ވީޑީއޯއިން ފެންނަނީ އިކުއެޓިކް ވައިބްގެ ލަވަކިޔުންތެރިޔާ ޝައްމޫންގެ އަޑުން ކިޔާދީފައިވާ ލޯބި ލޯބި ލަވައެއްގައި ޝާރިފް، އިފްނާޒް އަދި ތާތިގެ ހިތްގައިމު މަންޒަރު ތަކެކެވެ. ދެ އެކްޓަރުންނާއެކު ތާތި ލޯބީގެ މަންޒަރުތަކެއްގައި ފެނެ އެވެ. އެހެންކަމުން މިއީ ކޮންކަހަލަ ލޯބީގެ ވާހަކައެއް ކަމެއް ދަންނަވާކަށް ނޭނގެ އެވެ.

ފަސްޓް ލުކްގެ ފަހު ބައިގައި ފެންނަނީ ފިލްމުގެ އެހެން ތަރިންގެ ކުދި ކުދި މަންޒަރުތަކެކެވެ. އެ މަންޒަރުތަކަށް ބަލާއިރު މިއީ މެލޯޑްރާމާއެއް ނޫންކަމަށް ބެލެވެ އެވެ. "ބަވަތި" އަދި "ނީނާ" ފަދަ މޮޅެތި ފިލްމުތައް ޑައިރެކްޓު ކުރި އިލިޔާސްގެ ތަފާތު ފިލްމަކަށް "ލޯބިން...؟" ވެސް ވާނެކަން މިހާ ހިސާބުން ކަށަވަރުވެ އެވެ.

ފަސްޓް ލުކްއިން ތާތި، އިފްނާޒް އަދި ޝާރިފްގެ ތިނެސްކަން ލޯބި ފިޔަވައި ފިލްމުގެ ވާހަކައިގެ އެއްވެސް ތަފްސީލެއް ދޫކޮށްލާފައެއް ނުވެ އެވެ. އެހެންނަމަވެސް ވީޑިއޯގެ ކޮންމެ މަންޒަރެއްވެސް އެހާމެ ޝައުގުވެރި އެވެ.

https://www.facebook.com/ifilmsmv/videos/1207876597240788/

މިހާރު ޝޫޓިންގެ ބޮޑު ބައެއް ނިންމާލާފައިވާ "ލޯބިން...؟" ރިލީޒްކުރާނެ ތާރީހުވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެއީ މިއަހަރުގެ އޯގަސްޓު މަހުގެ 6 ވަނަ ދުވަހެވެ. މިއީ މިދިޔަ އަހަރު ގެނަސްދިން "ކަންބަޅި" އަށްފަހު އިލިޔާސް ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.

އައިފިލްމްސް، ލައިޓްސްއައުޓް ސްޓޫޑިއޯގެ އިތުރުން އިންޖީނިއަސް ވިޝުއަލް ފެކްޓަރީގެ ކުޑައިގެ ދަށުން ގެނަސްދޭ މިފިލްމުގެ ޝޫޓިން ފެށީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އެވެ.

"ލޯބިން...؟" ގެ މުހިންމު ރޯލަކުން އެކްޓަރު ޝާރިފް ފެންނައިރު، މޫމިންގެ "އަބަދަށް" ގައި އޭނާ ކުޅުނު ރޯލަށް ގިނަ ބެލުންތެރިން ވަނީ ތައުރީފުގެ ބަސްތައް ސޯޝަލް މީޑިއާގައި އޮއްސާލައިފަ އެވެ. މުނިފޫނިފިލުވުމުގެ ހަބަރުތައް ގެނަސްދޭ ގިނަ މީޑިއާތަކުންވެސް ޝާރިފްގެ އެކްޓިންގެ މޮޅުކަން ފާހަގަކުރި އެވެ. މީގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންވެސް ވަނީ ޝާރިފްގެ މަސައްކަތަށް ހުއްޓުމެއްނެތް ތައުރީފު ކޮށްފަ އެވެ.

"އަބަދަށް" ގައި ޝާރިފް ފެނުނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ. އެހެންނަމަވެސް "ލޯބިން...؟" ގައި އޭނާގެ ލުކް ވަރަށް ތަފާތެވެ. މިއީ ވަރަށް ލޯބި ކެރެކްޓާއަކަށް ވުން ވަރަށް ގާތެވެ. އެފިލްމުގައި ޝާރިފް ކުޅޭ ކެރެކްޓާ ދޫކޮށްލާނީ އިލިޔާސް ހާމަކުރަންދެން ސިއްރެއްގެ ގޮތުގަ އެވެ.

Ads by HDC