ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި

ފުވައްމުލައް ސިޓީގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި ޒުވާނަކަށް އިތުރު ފަރުވާ ދިނުމަށް އައްޑޫ ސިޓީއަށް ގެންގޮސްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ 8:54 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
"ލިބިފައިވާ އަނިޔާތަކުގެ ތެރެއިން، ބޭރުފުށުން ފެންނަން ހުރި އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް، ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާ ވެފައިވޭ،" މެސެޖުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް މިހާރު އައްޑޫއަށް ގެންގޮސްފައިވާ ކަމުގަ އެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
