ޖޭއެސްސީގެ އާންމު މެމްބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމު މެމްބަރުގެ މަގާމު ތަމްސީލުކުރައްވާ މެމްބަރުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުން މަތީގެ މުސްލިމު ދިވެހި ފިރިހެނަކު ކަމުގައި ވުން ހިމެނެ އެވެ.
އަދި ބޭރުގެ ރައްޔިތުކަން އޮންނަ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިތުރު ޝަރުތުތަކުގެ ތެެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް, ހިޔާނާތެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ބުއްދި ސަލާމަތުން ހުރުމާއެކު ސިޔާސީ ޕާޓީއެއްގައި ނޫޅޭ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.
އެ މަގާމަަށް ކުރިމަތިލާ މީހުންގެ ތެރެއިން މަގާމަށް ހަމަަޖައްސާނީ މަޖިލީހުން ކަނޑައަޅާ ބޭފުޅެކެވެ. އެއީ ފަސް އަހަރަށެވެ.