ހައްޖުން އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް ފްލޫ ކްލިނިކުތަކެއް ހުޅުވައިފި

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް ފްލޫ ކްލިނިކުތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.
ހައްޖުގެ އަޅުކަން އަދާކުރި ދިވެހީން ގޮވައިގެން ފުރަތަަމަ ފްލައިޓު ރާއްޖެ އައީ މިއަދު އެވެ.
ހައްޖުން އަންނަ ފަރާތްތަކަށް ކްލިނިކެއް ހުޅުވިކަން ހާމަކޮށް އައިޖީއެމްއެޗުން މިއަދު ބުނީ ފްލޫ ކްލިނިކަށް އަންނަ ހުރިހާ ފަރާތްތަކުން ވެސް ފުރަތަމަ ދާން ޖެހޭނީ އީއާރް ޓްރައޭޖް ކައުންޓަރަށް ކަމަށެވެ.
"ކިއުބީ ޓޯކެން ސިިސްޓަމްއިން ފްލޫ ކްލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ." އައިޖީއެމްްއެޗުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކުގެ ހިދުމަތް ލިބޭނީ ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް ކަމަށެވެ. އެ ހިދުމަތް ލިބޭނީ ބަލި މީހުން ބަލާ ކޮޓަރި ނަމްބަރު 10، ކުރީގެ ޖީއޯޕީޑީ ސަރަހައްދުން ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ފްލޫ ކްލިނިކުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2 އިން ރޭގަނޑު 8 އަށް ލިބޭނެ ކަމަށެވެ. ކްލިނިކް ހުންނާނީ މައި ކައުންޓަރު ހުންނަ ސަރަހައްދުގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށާ އަދި ކުޑަކުދިންނާ ކައިރިނުވާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ، މޭގައި ރިއްސާ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްްކުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
