ފައިސާ ނުލިބެނީސް ވިޔަފާރިތަކުން ޖީއެސްޓީ ދައްކަން ޖެހޭތީ ގަރާރެއް

ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަށް އެ ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހެމުން ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި ގަރާރުގައި ބުނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމަށް، މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ކަމަށް ބަލާނެ ގޮތް މިހާރު ބަޔާންކޮށްފައިވާ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އިތުރުވަމުންދާ ކަމަށެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި "ޖީއެސްޓީ ލާޒިމުވާ ވަގުތު" ކަމަށް ބަލަނީ ދެ ގޮތަކަށް ކަމަށް ގަރާރުގައި ބުންޏެވެ. އެއްގޮތަކީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތު ކަމަށާއި އަނެއް ގޮތަކީ މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލެއް ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާ ވަގުތު ކަމުގައި ފާހަގަކުރި އެވެ.
ގަރާރުގައި ބުނި ގޮތުގައި އެގޮތަށް އޮތުމުގެ ސަބަބުން މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ދެއްކުން ލާޒިމުވި ނަމަވެސް، އެ މުދަލެއް ވިއްކި ފަރާތަށް ނުވަތަ އެ ހިދުމަތެއް ފޯރުކޮށްދިން ފަރާތަށް އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ފައިސާ ނުލިބިވުމަކީ އާންމު ކަމަކަށް ވެފައިވާ ކަމުގަ އެވެ.
ނިއުޝާދުގެ ގަރާރުގައި ބުނީ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި ފަރާތުގެ ނުވަތަ އެ ހިދުމަތެއް ފޯރުކޮށްދިން ފަރާތުގެ ބާރު ހިނގާ ކަމަކަށް ނުވާ ކަމަށެވެ. ވުމާ އެކު އެފަދަ ކަމަކާ ގުޅުވައި މުދާ ވިއްކި ފަރާތް ނުވަތަ އެ ހިދުމަތް ދިން ފަރާތަށް ވަކި ވަގުތަކަށް ވަކި ކަމެއް ކުރުމަށް ލާޒިމު ކޮށްފައި އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު، އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެ ތަންތަނަށް ހުށަހަޅާފައި ވިނަމަވެސް އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ފާއިތުވެފައިވާ ކަމުގެ ކަންބޮޑުވުން ގިނަ ވިޔަފާރިތަކަކުން ފާޅުކުރަން އަންނަ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
ޓެކްސް އިންވޮއިސް ތައްޔާރުކޮށްފައި ވާތީ އާއެކު އެ އިންވޮއިސްގައި ބަޔާންކުރާ ފައިސާ ނުލިބިގެން ޓެކްސް ނުދެއްކި އޮތް ނަމަވެސް އެފަދަ ވިޔަފާރިތަކަކީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކެއް ކަމަށް ކަނޑައަޅާ ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ގަރާރުގައި ބުނި ގޮތުގައި އެ ހާލަތުގައި ހުރި ކުންފުނިތަކަށް ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުގެ ފަރާތުން ނިޒާމީ ގޮތެއްގައި ވިޔަފާރިތަކާ މެދު ހިންގަމުންދާ އިގުތިސޯދީ ޖަރީމާއެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެއް ކަމުގަ އެވެ.
އެކަމުގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލުމުގެ އިތުރުން ރާއްޖޭގެ އިގުތިސޯދު ހީނަރުވެ، ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވެދާނެ ފަދަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ފެންނާތީ އެ މަައްސަލައިގައި މަޖިލިހުގައި ބަހުސް ކުރުމަށް ނިއުޝާދުގެ ގަރާރުގައި ވަނީ ހުށަހަޅާފަ އެވެ.
