މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓަށް ފަސްޓް ލޭޑީ ޔޫއޭއީއަށް

މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކުރިއަށްދާ އެ ސަމިޓުގެ އިފުތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ބައްދަލުވުންތަކުގައި މަޝްވަރާތައް ކުރުމަށް ހަމަޖެހިފައި ވަނީ ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި އަންހެންކުދިންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި އަންހެނުން ބާރުވެރިކުރުމާ އަދި ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށް ޓަކައި އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައް ވެސް ސަމިޓުގެ ބައިވެރިން މުރާޖައާ ކުރާނެ ކަމުގަ އެވެ.
ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.
މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށް ފަހު ފަސްޓް ލޭޑީ ސާޖިދާއަށް ވަނީ މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދަ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފަ އެވެ.
ސާޖިދާ ގެންދަވަނީ ދަރިމައިވުމުގެ ސިއްހަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށް ޓަކައި އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމަށް މެކް ފައުންޑޭޝަނާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ހަކުރުބައްޔާއި ލޭމައްޗަށް ދިއުމުން ރައްކާތެރިވުމާއި ދަރިމައިވުމުގެ ސިއްހަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ވެސް އެ ފައުންޑޭޝަނާ އެކު އެކަމަނާ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރި އެވެ.
